އެއް ތަނަކުން ގިނަ ވައްތަރެއްގެ ތަފާތު ބޭހާއި ސިއްހީ އެކުއިޕްމެންޓް އަދި ހިދުމަތްތައް ހޯދުމަށްޓަކައި ހާއްސަ ވެބްސައިޓެއް ލޯންޗުކޮށްފި އެވެ.

"ފާމަސީ އެމްވީ"ގެ ނަމުގައި މިއަދު ލޯންޗުކޮށްފައިވާ ވެބްސައިޓްގެ އޮފިޝަލް ޕާޓްނަރަކީ ލައިފް ސަޕޯޓް ޕްރައިވެޓް ލިމިޓެޑް އެވެ.

ފާރމަސީ އެމްވީގައި ބޭހާއި ސިއްހީ ކަންކަމަށް ބޭނުންކުރެވޭ ގިނަ ބާވަތްތަކުގެ އިތުރުން ތަފާތު އެކި ވައްތަރުގެ ސާމާނު ލިބިގެންދާނެއެވެ. އޭގެތެރޭގައި ބޮޑީކެއާ އާއި ބިއުޓީ އަދި ޕާސަނަލްކެއަރ، ޕެއިން ރިލީފް، ޑައިބަޓިސް ކެއަރ، ނިއުޓްރިޝަން ސަޕްލިމެންޓް، ބަރުދަން މެނޭޖްކުރުމަށް ބޭނުންކުރާ ޕްރޮޑަކްޓް ހިމެނެއެވެ. އޭގެއިތުރުން މައިންނަށާއި ތުއްތުކުދިންނަށް ބޭނުންވާ ސާމާނާއި އަންހެނުންނާއި ފިރިހެނުން ޒީނަތްތެރިވުމަށް ބޭނުންވާ ތަފާތު ގިނަ ސާމާނު ފާމަސީ އެމްވީ އިން ލިބޭނެ އެވެ.

ފާމަސީ އެމްވީއިން ގަންނަ ތަކެތި ޑެލިވާ ކޮށްދިނުމުގެ ހިދުމަތްވެސް އެ ވެބްސައިޓް މެދުވެރިކޮށް ލިބޭނެ އެވެ.

ފާމަސީ އެމްވީގެ ވެބްސައިޓްގެ އިތުރުން އެޕްލެޓްފޯމަށް ހާއްސަ އެޕްލިކޭޝަންވެސް ވަނީ ތައާރަފުކޮށްފައެވެ. ގޫގަލް ޕްލޭ ސްޓޯގެ އިތުރުން އެޕަލް އެޕްސްޓޯއިން ވެސް އެ އެޕް ލިބޭނެއެވެ.

ފާމަސީ އެމްވީއިން ތަފާތު ގިނަ ހިދުމަތްތައް ލިބޭނެ

ހިދުމަތް ލޯންޗުކުރުމާ ގުޅިގެން ފުރަތަމަ 10 ދުވަހުގެ ތެރޭގައި ހާއްސަ ޑިސްކައުންޓެއް ކުރިއަށްދާނެއެވެ.

ފާމަސީ އެމްވީ ގެ މަގުސަދަކީ ފަސޭހަކަމާއި ސިއްހީގޮތުން ހިދުމަތްތައް ބޭނުން ވާ ފަރާތްތަކަށް އެ ހިދުމަތް ފޯރުކޮށްދިނުން ކަމަށް ލައިފް ސަޕޯޓް އިން ބުނެއެވެ. ޕާމަސީ އެމްވީއިން އެޕޮއިންޓްމަންޓް ހަދައިގެން ގޭގެއަށް ގޮސް ބަލިމީހުންގެ ސާމްޕަލް ކަލެކްޝަން، ބްލަޑްޝުގާ ޗެކްކޮށްދިނުމާއި ނެބިއުލައިޒް ކުރުމާއި ޓިއުބް ފީޑިން އަދި އިންޖެކްޝަން ޖަހައިދިނުމުގެ ހިދުމަތްވެސް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

އެ ވެބްސައިޓަށް ބޭސްސިޓީ އަޕްލޯޑު ކޮށްގެން ފަސޭހަކަމާއެކު ބޭސް ނެގުމާއި އޮކްސިޖަން ކޮންސަންޓްރޭޓާ ނުވަތަ ފުރޮޅުލީ ގޮނޑި ފަދަ މެޑިކަލް އިކުއިޕްމަންޓް ކުއްޔަށް ނެގުމާއި އެފަދަ ތަކެތި ގަންނަން ބޭނުންވާ ފަރާތްތަކަށް އެ ހިދުމަތް ލިބޭނެ ކަމަށްވެސް ލައިފް ސަޕީޓް އިން ބުނެއެވެ.

އެ ވެބްސައިޓްގެ ހިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން ދަނީ އިތުރު ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރުމަށް ތައްޔާރުވަމުން ކަމަށް ބުނެފައިވެ އެވެ.