02 Nov 2020, 12:54
ރައްޔިތުންނަށް ރައްކާތެރިކަން ދިނުމުގައި ފުލުހުން ފެއިލްވެފައިވާ ކަމަށް ބުނެ ފުލުހުންނަށް މަޖިލީހުގެ ބައެއް މެމްބަރުން ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
މާލޭގައި ޓެކްސީގެ ހިދުމަތް ދެމުންދާ ހަމައެކަނި އަންހެން ޓެކްސީ ޑްރައިވަރު އައިމިނަތު ވަހީދާގެ ޓެކްސީއަށް ފަސް ފަހަރެއްގެ މަތިން ގެއްލުންދީ އޭނާގެ ކާރުގެ ބިއްލޫރިގަނޑު އެކި ފަހަރު މަތިން ތަޅާލާފައިވާތީ އެކަން ކަމާ ގުޅުން ހުރި މުއައްސަސާތަކުގެ ސަމާލުކަމަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުއްވީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެވެ.
އެމައްސަލައަށް ބަހުސް ކުރައްވަމުން އާޒިމް ވިދާޅުވީ ޕްރޮޓެކްޓް އެންޑް ސާވް މޮޓޯއަކަށް ޖަހައިގެން އުޅުނު ނަމަވެސް ރައްޔިތުންނަށް ރައްކާތެރިކަން ދެމުން ދާތަން ނުފެންނަ ކަމަށެވެ. އާޒިމް ވިދާޅުވީ އައިމިނަތު ވަހީދާގެ ކާރަށް ގެއްލުންދީ އޭނާއަށް ގޯނާ ކުރި މައްސަލަ ފަސް ފަހަރު މަތިން ފުލުހުންގެ އިދާރާއަށް ހުށަހަޅައި ނުބެލި އޮތުމަކީ ފުލުހުންގެ އިދާރާގެ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ.

މެންދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް --- ފޮޓޯ/ މަޖިލިސް
"އިދާރާ ހިންގަން ތިބި ވެރިން އެބަ ގަބޫލުކުރަން ޖެހޭ ފުލުހުންގެ އިދާރާގެ މައްސަލައެއް ވާކަން. އެ މައްސަލައަކީ ތިމަންނަމެން ހައްލުކޮށް ރައްޔިތުން ބޭނުންވާގޮތަށް ކަންކަން ކުރެވޭނެ މުއައްސަސާއެއްކަން ރައްޔިތުންނަށް އެބަ އިތުބާރާއެކު ދައްކައިދޭން ޖެހޭ." އާޒިމް ވިދާޅުވި އެވެ.
މާލޭގައި ބޮޑެތި ވައްކަން ތަކާއި އެކި ހާދިސާތައް ނުބެލި ދިއުމަކީ ބޮޑު މައްސަލައެއް ގޮތުގައި އާޒިމް ފާހަގަކުރެއްވި އެވެ.
ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ ފަސް ފަހަރެއްގެ މަތިން އައިމިނަތު ވަހީދާއަށް ގެއްލުންދިން މައްސަލަ ފުލުހުންނަށް ނުބެލިގެން އުޅެނީ ކީއްވެތޯ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުންވެސް ބަލަން ޖެހޭ ކަމަށެވެ.
"ފަސް ފަހަރަށް އަންހެނަކަށް ހަމަލާދީގެން އޭނާ ދޫވީމާ. އަދި ކޮންމެ ފަހަރަކު ހެލި ނެތިގެން އޭނާ ދޫކޮށްލީމާ މިއީ މައްސަލައެއް. އެމީހަކުވެސް އެބަ ހޯދަން ޖެހޭ. އަދި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ފުލުސް އޮފީހުން މިކަން ނުކޮށްގެން އުޅެނީ ކީއްވެގެންތޯވެސް އެބަ ބަލަން ޖެހޭ." އީވާ ވިދާޅުވި އެވެ.

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ އައިމިނަތު ވަހީދާގެ ކާރު ހުއްޓުވާފައި ހަމަލާ ދިނޭ ބުނީމާ ހެލި ނެތޭ ބުނެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ. ރޮޒައިނާ ވިދާޅުވީ އަންހެނަކު ގައިގައި ތަޅައިގަތީމާ އެއީ އޯކޭ ކަމެއްގެ ގޮތުގައި ދެކޭ މީހުން މައްސަލަ ބަލަން ފުލުސް އޮފީހުގައި ތިބުމުން އޭގެން ރަނގަޅޫ ނަތީޖާއެއް ނުނިކުންނާނެ ކަމަށެވެ.
"އޭނާގެ ކުރީގެ ފިރިމީހާގެ ފަރާތުން މި އަނިޔާތައް ލިބެމުން ދިޔައިރު ކީއްވެގެންތޯ މި މައްސަލަ ނުބެލި އޮންނަންވީ. މިހާ ހިސާބަށް އައިއިރު މިކަމާ ދޭތެރޭ އެއްވެސް އެކަޝަނެއް ނުނެގި އޮންނަން ޖެހޭނެ އެއްވެސް ސަބަބެއް ނެތް." ރޮޒައިނާ ވިދާޅުވި އެވެ.

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް --- ފޮޓޯ/ މަޖިލިސް
ރޮޒައިނާ ވިދާޅުވީ ޖިންސީ ގޯނާ ކުރުމާއި ގެވެށި އަނިޔާ ކުރުމަކީ މާ ބޮޑު މައްސަލައެއް ކަމަށް ނުދެކޭ މީހުން މައްސަލަ ބަލަން ތިބުމަކީ އެންމެ ބޮޑު މައްސަލަ ކަމަށެވެ.
އަލީ އާޒިމް ހުށަހެޅުއްވި މައްސަލާގައި ބުނެފައި ވަނީ އެމައްސަލަ ހުށަހަޅައި ޓެކްސީ ޑްރައިވަރު އައިމިނަތު ވަހީދާއަށް ފުރައްސާރަކޮށް އެކި ފަހަރުމަތިން އޭނާގެ ކާރަށް ގެއްލުންދޭތީ ކަމަށެވެ. އެ ދަށު ދަރަޖައިގެ އަމަލުގެ ސަބަބުން އާމްދަނީ ހޯދުމަށް އޭނާއަށް ހުރަސް އެޅިފައިވާ ކަމަށްވެސް ކުއްލި މައްސަލާގައި ބުނެފައި ވެ އެވެ.
"އޭނާއަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިފައިވާ މި ދަނޑިވަޅުގައި މިކަމުގެ ކަންބޮޑުވުން ފާޅުކޮށް. މިކަން ބަލައި. އޭނާއަށް ގެއްލުންދިން ބަޔަކަށް ހައްގު އަދަބު ދިނުމަށް ގޮވާލަން." އެ ކުއްލި މައްސަލާގައި ބުނެފައިވެ އެވެ.
އާމްދަނީ ހޯދުމަށް އަންހެނުން ކުރާ އެފަދަ މަސައްކަތަށް ހިތްވަރު ދިނުމަށް ކުއްލި މައްސަލާގައި ވަނީ ގޮވާލާފަ އެވެ.