ޓެލްއަވީވް (ޖަނަވަރީ 20) އީރާނުގެ ނިއުކްލިޔަ މަރުކަޒުތަކަށް އިސްރާއީލުން ހަމަލާދިނުމަކީ ވަރަށް ދުރުކަމެއް ކަމަށް ވިދާޅުވެ އިސްރާއީލުގެ ދިފާޢީ ވަޒީރު އިހޫދް ބަރާކް ވާހަކަ ދައްކަވައިފިއެވެ.

އިސްރާއީލުގެ ސިފައިންގެ ރޭޑިޔޯއަށް ދެއްވި ބަސްދީގަތުމެއްގައި ބަރާކް ވިދާޅުވީ އިސްރާއީލުން އީރާނަށް ހަމާލާދީފާނެކަމުގެ ވާހަކަ ދެއްކިނަމަވެސް އެކަމާބެހޭ އެއްވެސް ނިންމުމެއް މިހާތަނަށް އިސްރާއީލުން ނިންމާފައިނުވާ ކަމުގައެވެ. އަދި އީރާނަށް ޙަމަލާދިނުމުގެ ނިންމުމެއް އިސްރާއީލުން ނިންމުމަކީ ވަރަށް ދުރުކަމެއް ކަމަށްވެސް ބަރާކް ވިދާޅުވިއެވެ.

ބަރާކް މިހެން ވިދާޅުވީ އީރާނަށް އިސްވެ ޙަމަލާދޭންޖެހިދާނެ ކަމުގެ އިންޒާރު އިސްރާއީލުގެ މަސްއޫލުވެރިން ތަކުރާރުކޮށް ދެއްވަމުން ގެންދަވާތާ އަހަރުތަކެއް ވެފައިވަނިކޮށެވެ. އީރާނުގެ މައްސަލާގައި އިސްރާއީލުގެ މަސްއޫލުވެރިން އެކިފަހަރު ބަޔާންތައް ދެއްވަނީ އެކިގޮތަށެވެ.

ބައެއްފަހަރު އިސްރާއީލުގެ މަސްއޫލުވެރިން އީރާނަށް ކުއްލިގޮތަކަށް ޙަމަލާދޭނެކަމުގެ އެތަށް އިންޒާރުތަކެއްދެއްވައި އިސްރާއީލުގެ ސިފައިން ޝައްކުކުރެވޭފަދަ ޢަސްކަރީ ޙަރަކާތްތަކެއް ހިންގުމަށްފަހު މިފަދަ ޙަމަލާއެއް ދިނުމުގެ ވިސްނުމެއް ނުގެންގުޅޭކަމަށް އިސްރާއީލުގެ ބައެއް އެހެން މަސްއޫލުވެރިން ވިދާޅުވެއެވެ.

މީޑިޔާ ރިޕޯޓްތައް ބުނާގޮތުން އީރާނާދެކޮޅަށް އެމެރިކާއާއި ޔޫރަޕުން ހިންގާ ދަތިކުރުމުގެ ކޭންޕޭނާއި ޙަމަލާދޭންޖެިހދާނެކަމަށްބުނެ އެމެރިކާގެ މަސްއޫލުވެރިންވެސް ދެއްވާ ހަރުކަށި އިންޒާރުތަކުގެ ފަހަތުގައިވަނީ އިސްރާއީލެވެ. ނަމަވެސް ޙަމަލާދީގެން އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމް ހުއްޓުވުމުގެ ފުރްސަތު ކުޑަވެފައި އީރާނަށް ޙަމަލާދީފައި އިސްރާއީލަށް ސަލާމަތުން ނޯވެވޭނެކަމުގެ ބިރުއޮތުމުން އީރާނަށް އިސްވެ ޙަމަލާދިނުމުގެ ނިންމުމެއް ނިންމަން އިސްރާއީލުގެ ޢަސްކަރީ އިސްކޮމާންޑަރުންނާއި ސިޔާސީ ލީޑަރުން ފަސްޖެހިވަޑައިގަންނަވާ ކަމަށް މި ރިޕޯޓްތައް ބުނެއެވެ. --އަލްޖަޒީރާ