02 Nov 2020, 12:08
ދ. އަތޮޅުގައި އޮންނަ ކަނޑިންމަ މޯލްޑިވްސް ރިސޯޓުން އިތުރު ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
ހެލްތު އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބުނެފައިވަނީ ރޭގައި އެ ރަށުން 33 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށެވެ. އޭގެތެރޭގައި 12 ސާމްޕަލް އަކީ މުވައްޒަފުންގެ ސާމްޕަލް ކަމަށާއި ބާކީ 21 ސާމްޕަލް އަކީ ޑިޕާޗާ ސާމްޕަލް ކަމަށް އެޗްއީއޯސީއިން ބުންޏެވެ.
އެ ސާމްޕަލް ތެރެއިން ދެމީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްއީއޯސީއިން ވަނީ ބުނެފައިވެ އެވެ.
އިތުރު 149 ސާމްޕަލްތަކެއް އެރަށުން ނަގާފައިވާއިރު މިރޭގެ ވަގުތެެއްގައި ޓެސްޓުތައް ހަދާނެ ކަމަށް އެޗްއީއޯސީއިން ވަނީ ބުނެފަ އެވެ.
ކަނޑިންމައިން ކޮވިޑްގެ ކޭސްތައް ފެނުމާއެކު އެ ރަށް އޮތީ މޮނިޓަރިންގެ ހާލަތުގަ އެވެ.
އެ ރިސޯޓުގައި ކޮވިޑް ކޭސްތަކެއް އުޅޭކަން ފާހަގަވީ، އެ ރަށުގައި މަސައްކަތް ކުރާ 60 އަހަރުގެ ދިވެއްސަކު ހާލުބޮޑުވެގެން ކުޑަހުވަދޫގައި ހުންނަ ދ. އަތޮޅު ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް މަރުވުމުންނެވެ. އަދި އޭނާ ޓެސްޓްކުރީއިރު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އެއީ ރާއްޖޭގައި ކޮވިޑް ޖެހިގެން މަރުވި 38 ވަނަ މީހާ އެވެ.