މާލޭގެ ހަމައެކަނި އަންހެން ޓެކްސީ ޑްރައިވަރު، އަމިނަތު ވަހީދާގެ ކާރަށް ދިން ހަމަލާއަކީ ހަރުކަށި ފިކުރުގެ އަމަލެއްކަމަށް ތުހުމަތުވާ ގޮތަށް ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވަހަކަ ދައްކަވައިފި އެވެ.

ރައީސް ނަޝިދު އެގޮތަށް ވާހަކަ ދެއްކެވީ އެ ހަމަލާއާ ގުޅިގެން މިއަދު މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގެ ތެރެއިން ވާހަކަ ދައްކަވަމުންނެވެ.

ރައީސް ނަޝިދު ވިދާޅުވީ، އެ މައްސަލައިގައި މެމްބަރުން ކުރިމަތިގައި އޮތީ ވަރަށް ފުޅާ ސުވާލެއް ކަމަށެވެ. އެގޮތުން އެކަން އައިސް ގުޅެނީ ހަރުކަށި ފިކުރާ ކަން ރައީސް ނަަޝިދު ވިދާޅުވި އެވެ. އެމަނިކުފާނު އެކަން ސިފަ ކުރެއްވީ އެއީ އަންހެނުން ގޭގައި ބައިތިއްބުމަށް އިންތިޒާމްވެގެން ހިންގާ ކަމެއްގެ ގޮތުގަ އެވެ.

"މި ފިކުރުގެ ބައްޓަމަށް ދިވެހި މުޖްތަމައު އެނބުރުމަށް ބަޔަކު ބިރު ދައްކައިގެން ބާރުގެ ބޭނުންކޮށްގެން، އިންތިޒާމްވެގެން ބަޔަކު ހިންގަމުން އަންނަ މަސައްކަތެއް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، ހަރުކަށި ފިކުރުގެ މީހުން ބޭނުންވާ ގޮތަކީ އަންހެނުން ވަޒީފާއަށް ނުނުކުމެ، ގޭގައި ބޭތިއްބުން ކަމަށެވެ.

"ހަރުކަށި ފިކުރުގެ މީހުން ބޭނުންވާ ބޭނުމެއް، އަންހެނުން ގޭގައި ބައިތިއްބައި، ހަމައެކަނި ޖިންސީ އެދުން ފުއްދުމަށާއި ކިރުމައިންގެ ގޮތުގައި ބޭތިއްބުމަށް، އަދި ދަރިން ބަލަން ގޭގައި ނޯކަރީން ކުރަން ތިބޭ ބައެއްގެ ގޮތުގައި ގޭގައި ބޭތިއްބުމަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ކަންބޮޑުވުމަކީ އެ އިންތިޒާމްގައި ދައުލަތުގެ އެހެން މުއައްސަސާތައް ބައިވެރިވުން އޮންނަކަމަށް ކުރެވޭ ތުހުމަތުތަކެވެ.

"އިއްޒަތްތެރި މެމްބަރުން އައްސަވާ ސުވާލަކީ އެ އިންތިޒާމުގައި ދައުލަތުގެ އެހެން މުއައްސަސާތަކުން ބައިވެރިވަނީތޯއޭ. އެއީ ކަންބޮޑުވާ އިތުރު ސަބަބަބެއް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގައި ގޮވާލާފައިވަނީ، އާމްދަނީ ހޯދުމަށް އަންހެނުން ކުރާ އެފަދަ މަސައްކަތަށް ހިތްވަރު ދިނުމަށެވެ. އަދި އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، އެކަން ބަލައި ދިނުމަށާއީ ގެއްލުންދިން ބަޔަކަށް ހައްގު އަދަބު ދިނުމަށް ކުއްލި މައްސަލައިގައި ވަނީ ގޮވާލާފަ އެވެ.

އާމިނަތު ވަހީދާގެ ކާރަށް ފަސް ފަހަރު މަތިން ވަނީ ގެއްލުން ދީފަ އެވެ. ޓެކްސީއަށް ގެއްލުން ލިބުމުން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތް ހުއްޓުމަކަށް އައިސްފައިވާތީވެ، ޓެކްސީ އަަށް ތަކުރާރުކޮށް ގެއްލުންދޭ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އާންމުންނާއި ފުލުހުންގެ އެއްބާރުލުމާއި އެހީތެރިކަމަށް އާމިނަތު ވަހީދާ ވަނީ އެދިފަ އެވެ.