ނިއު ޒީލެންޑްގެ ގާނޫނު ހަދާ މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި ދިވެހި އާއިލާއަކަށް ނިސްބަތްވާ ޑރ. އައިޝާ ވަރޯލް އަށް އެ ގައުމުގެ ކެބެނިޓުން މިނިސްޓަރު ކަމުގެ މަގާމެއް ލިބިއްޖެ އެވެ.

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު ޖަސިންޑާ އާޑަންގެ ކެބިނެޓް މިއަދު ވަނީ އެކުލަވާލާފަ އެވެ.

ދިވެހި ޕާސްޕޯޓެއް އޮންނަ އައިޝާ ވަރޯލް އައްޔަންކޮށްފައިވަނީ، އެ ގައުމުގެ ފުޑް އެންޑް ސޭފްޓީ މިނިސްޓަރު ކަމަށެވެ. އޭގެ އިތުރުން އޭނާ ވަނީ އެސޯސިއޭޓް މިނިސްޓާ އޮފް ހެލްތް، މިނިސްޓާ ފޯ ސީނިއާސް އަދި އެސޯސިއޭޓް މިނިސްޓާ އޮފް ރީސާޗް، ސައިންސް އެންޑް އިނޮވޭޝަންގެ މަގާމަށްވެސް އައްޔަންކޮށްފަ އެވެ.

ޑރ. އައިޝާއަކީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއާ ދެބެއިންގެ ދެދަރި ބޭފުޅެކެވެ. އައިޝާގެ މަންމާފުޅަކީ ރައީސް ނަޝީދުގެ މަންމާފުޅުގެ ކޮއްކޮ ލަތީފާ އަހުމަދެވެ. ބައްޕައަކީ ނިއު ޒިލޭންޑްގެ ރައްޔިތެކެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި ރައީސް ނަޝިދު ވަނީ އައިޝާ ވަރޯލް އެ މަގާމަށް އައްޔަން ކުރުމާ ގުޅިގެން އެކަން ފާހަގަކޮށްފަ އެވެ.

މިމަހު ބޭއްވި ނިއުޒިލޭންޑްގެ ގާނޫނު ހަދާ މަޖިލިސް އިންތިހާބުގައި ވާދަކޮށް އައިޝާ ވަރޯލް ކާމިޔާބު ކުރައްވާފައިވަނީ ވެލިންޓަން ދާއިރާގެ ގޮނޑި އެވެ.

ޑރ. އައިޝާ އުފަންވެފައިވަނީ ވެސް ނިއު ޒިލޭންޑަށެވެ. ނަމަވެސް އެކިފަހަރު މަތިން ވަނީ ރާއްޖެ ވެސް ވަޑައިގެންފަ އެވެ. ސިއްހީ ދާއިރާއިން މަތީ ތައުލީމް ހާސިލްކޮށްފައިވާ ޑރ. އައިޝާ ވަނީ އައިޖީއެމްއެޗްގައި ވަޒީފާވެސް އަދާކުރައްވާފަ އެވެ. މަޖިލީހަށް އިންތިހާބުވެވަޑައިގަތުމުގެ ކުރިން އޭނާ މަސައްކަތް ކުރެއްްވީ ވެލިންޓަން ހޮސްޕިޓަލެއްގައި ޑޮކްޓަރެއްގެ ގޮތުގަ އެވެ.

ބޮޑު ވަޒީރު ޖަސިންޑާގެ ކެބިނެޓްގައި އޭނާއާއެކު ޖުމްލަ 20 މިނިސްޓަރުން ތިއްބަވަ އެވެ.