ޣައްޒާ (ޖަނަވަރީ 20) : ޔޫރަޕާއެކު ގުޅުންތައް އުފެއްދުމަށް ޚާއްސަ މަސައްކަތްތަކެއް ކުރަމުން ގެންދާކަން ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ޙަމާސް ޖަމާއަތުން ހާމަކޮށްފިއެވެ.

ޔޫރަޕްގެ ބައެއް ޤައުމުތަކުގެ މަސްއޫލުވެރިންނާ ބައްދަލުކުރެއްވުމަށްޓަކައި ޔޫރަޕަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގައި ސްވިޓްޒަރލޭންޑްގައި ހުންނަވައިގެން ދެއްވި ބަޔާނެއްގައި ޙަމާސްގެ އިސްވެރިއެއް ކަމަށްވާ މުޝީރުލްމިސްރީ ވިދާޅުވީ ޙަމާސަކީ އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިޢްމާރާ ދެކޮޅަށް މިނިވަންކަމުގެ ޖިހާދެއް ކުރަމުންގެންދާ ޖަމާއަތަކަށް ވީނަމަވެސް އެޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ޔޫރަޕްގެ ބައެއް ޤައުމުތަކުން ދެކޭކަމުގައެވެ.

މިކަން ބަދަލުކުރުމަށްޓަކައި ޔޫރަޕްގެ މަސްއޫލުވެރިންނާ ވާހަކަ ދައްކަމުން ގެންދާކަމަށް އޭނާ ވިދާޅުވިއެވެ. މިނިވަން ކަމަށް މަސައްކަތްކުރާ ޙަމާސް ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއްކަމަށް ޔޫރަޕްގެ ބައެއް ޤައުމުތަކުން ދެކެނީ ޙަޤީޤަތަށް ރިޢާޔަތްނުކޮށް ޔަހޫދީ ޒަޔަނިސްޓުންގެ ނުފޫޒުގެ ސަބަބުން ކަމަށްވެސް ޙަމާސްގެ މަސްއޫލުވެރިޔާ ވިދާޅުވިއެވެ.

ޔޫރަޕަށް ޒިޔާރަތްކުރާ ޙަމާސްގެ ވަފްދުގައި ހިމެނެނީ ފަލަސްތީނުގެ ޕާލަމެންޓްގައި ހިމެނޭ ޙަމާސްގެ 3 މެންބަރެކެވެ. މިވަފްދުގެ ވެރިޔާ ކަމަށްވާ މުޝީރުލްމިސްރީއަކީވެސް ފަލަސްތީނުގެ ޕާލަމެންޓް މެންބަރެކެވެ. ޙަމާސްގެ ވަފްދުގެ ބޭފުޅުން ގެންދަވަނީ ސްވިސް ޕާލަމެންޓްގެ ބައެއް މެންބަރުންނާއި ސަރުކާރުގެ ބައެއް މަސްއޫލުވެރިންނާ ބައްދަލުކުރައްވަމުންނެވެ.

ޙަމާސްގެ ވަފްދު ސްވިސްޓްޒަރލޭންޑަށް ޒިޔާރަތްކުރުމާއެކު އިސްރާއީލުންވަނީ ފަލަސްތީނުގެ ޕާލަމެންޓްގެ ރައީސް ޑޮކްޓަރ ޢަޒީޒް އައްދުވޭކް ހައްޔަރުކޮށްފައެވެ. މީގެކުރިންވެސް އިސްރާއީލުން ޑރ. ޢަޒީޒް ދެ އަހަރުވަންދެން ހައްޔަރުކޮށްގެން ގެންގުޅުމަށްފަހު މީގެ ހައެއްކަ މަސްކުރިން މިނިވަންކޮށްފައިވެއެވެ.
ޔޫރަޕްގެ ބައެއް އިސްމަސްއޫލުވެރިން ޣައްޒާއަށް ވަޑައިގެން ޙަމާސްގެ އިސްވެރިންނާ ފާޅުގައި ބައްދަލުކުރައްވާފައިވެއެވެ. އަދި ޙަމާސްއާ ވާހަކަ ނުދައްކައި ފަލަސްތީނާއި އިސްރާއީލާދެމެދު ސުލްޙަ ޤާއިމް ނުކުރެވޭނެ ކަމަށް ޔޫރަޕްގެ އިއްތިޙާދުން ބުނަމުން ގެންދެއެވެ. -- އަލްޖަޒީރާ