02 Nov 2020, 09:16
ޑޫކް އޮފް ކެމްބްރިޖް، ޕްރިންސް ވިލިއަމް މިއަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަމަށް ބަކިންހަމް ޕެލަސް އިން ބުނެފި އެވެ.
ބަކިންހަމް ޕެލަސްގެ އިތުބާރު ހިފޭ މަސްދަރެއް ބީބީސީއަށް މައުލޫމާތު ދިން ގޮތުގައި އޭޕްރިލް މަހުގެ ތެރޭގައި ޕްރިންސް ވިލިއަމްސް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
އެކަމާ ގުޅޭ ގޮތުން ރަސްމީ ބަހެއް ހޯދުމަށް ބޭރުގެ ބައެއް ނޫސްތަކުން ބަކިންހަމް ޕެލަސް އަށް ގުޅުމުން އެ ވާހަކައަށް އެއްވެސް ބަހެއް ދީފައެއް ނުވެއެވެ. އެހެންނަމަވެސް އެ ވާހަކަތައް ދޮގުކޮށްފައި ނުވާ ކަމަށް ނޫސްތަކުން ބުނެ އެވެ.
ބީބީސީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޕްރިންސް ވިލިއަމް ވައިރަސްއަށް ޕޮޒިޓިވްވި ވާހަކަ އެއްވެސް ފަރާތެއް ގާތު ބުނުމަށް އޭނާ ބޭނުން ނުވި އެވެ. އެއީ އެ ހާލަތުގައި އެއްވެސް ބޭފުޅަކު ކަންބޮޑުވިޔަ ދޭން ބޭނުން ނުވާތީ ކަމަށް ޕްރިންސް ވިލިއަމް ވިދާޅުވެފައިވާ ކަމަށް ބީބީސީއިން ރިޕޯޓުކުރެ އެވެ.
ޕްރިންސް ވިލިއަމްއަށް ފަރުވާ ދެއްވާފައި ވަނީ އޭނާގެ ގެކޮޅަށް ޑޮކްޓަރުން ގެންގޮސްގެނެވެ. އެގޮތުން ނިއުފޯކްގައި ހުންނަ އެންމާ ހޯލްގައި ޕްރިންސް ވިލިއަމް ހޯމް ކަރަންޓީންގައި ހުންނެވި ކަމަށް ބޭރުގެ ނޫސްތަކުން ބުނެ އެވެ.
ޕްރިންސް ވިލިއަމްގެ ބައްޕާފުޅު، ޗާލްސް، ޕްރިންސް އޮފް ވޭލްސް، ވަނީ މިއަހަރުގެ މާޗު މަހުގެ ތެރޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ.