02 Nov 2020, 07:25
ބޮލީވުޑްގައި މިވަގުތު އެންމެ ޑިމާންޑް ބޮޑު އަންހެން ބަތަލާ އާލިއާ ބަޓް 27، ލީޑު ރޯލުން ފެނިގެންދާ ފިލްމު "އާރްއާރްއާރް"ގައި އޭނާގެ އަޑުން ކިޔާފައިވާ ލަވައެއް ހިމަނާނެކަމަށް ހަބަރުތައް ބުނެފި އެވެ.
މީގެ ކުރިން ވެސް އޭނާ ކުޅުނު ފިލްމުތަކަށް ލަވަ ކިޔާދީފައިވާ އާލިއާ މި ލަވަ ކިޔާނީ ހިންދީއިންނެވެ. ނަމަވެސް މި ފިލްމަކީ ތެލެގޫ ބަހުން ހަދާ ފިލްމެކެވެ. ނަމަވެސް ހުރިހާ ބަހަކުން އާރްއާރްއާރް ގެނެސްދޭތީ ރަސްމީ ބަހުން ލަވަ ކިޔަން ނިންމާފައިވާކަމަށް ހަބަރުތައް ބުނެ އެވެ.
އަންނަ އަހަރު ސިނަމާތަކަށް ގެނެސްދިނުމަށް ތާވަލްކޮށްފައިވާ ފިލްމު "އާރްއާރްއާރް" ގައި އާލިއާ ފެނިގެންދާނީ ވަރަށް މައުސޫމް ރޯލަކުންނެވެ. ސީތާ ކިޔާ ކެރެކްޓާއަކުން އޭނާ މި ފިލްމުން ފެނިގެންދާއިރު އެ ކެރެކްޓާއަކީ ފިލްމަށް ވަރަށް މުހިންމު ކެރެކްޓާއެއް ކަމަށް ފިލްމުގެ ޑައިރެކްޓަރު އެސްއެސް ރާޖަމޯލީ ބުންޏެވެ.
އިންޑިއާގެ މިނިވަން ކަމަށް މަސައްކަތް ކުރި ހިޔާލީ ދެ ކެރެކްޓާއަކަށް ބިނާކޮށް ތައްޔާރުކުރާ އެ ފިލްމުގެ ފިރިހެން ދެ ބަތަލަކީ ރާމް ޗަރަން އާއި އެންޓީއާރް ޖޫނިއާ އެވެ. މި ފިލްމުގެ ހާއްސަ ފެނިލުމަކުން ކާމިޔާބު ތަރި އަޖޭ ދޭވްގަން ވެސް ފެނިގެންދާނެ އެވެ. މި ފިލްމަކީ 3.5 ބިލިއަން އިންޑިއަން ރުޕީސްގެ ބަޖެޓަކުން އުފައްދާ ފިލްމެކެވެ.