20 Jan 2012, 14:01
ޑާކާ (ޖަނަވަރީ 20) ބަންގްލާދޭޝްގެ ސިފައިންގެ އިސް އޮފްސަރުންތަކެއް ގެންނަން މަސައްކަތްކުރި ޢަސްކަރީ އިންޤިލާބެއް ނާކާމިޔާބުކޮށްލެވިއްޖެކަން އެޤައުމުގެ ސިފައިން ހާމަކޮށްފި އެވެ.
ސިފައިންގެ ތަރްޖަމާނެއްކަމަށްވާ ބްރިގޭޑިޔަރ މުޙައްމަދު މަސްޢޫދު ވިދާޅުވިގޮތުގައި ބޮޑުވަޒީރާ ޝައިޚް ޙަސީނާ ވާޖިދް ގެ ސަރުކާރު ވައްޓާލައި ޢަސްކަރީ ވެރިކަމެއް ގެންނަން މަސައްކަތްކުރުމުގައި އިސްކޮށްއުޅުއްވީ ވިއްސަކަށް އިސް އޮފްސަރުންނާއި އެބޭފުޅުންނަށް ތާއީދުކުރާ ސިފައިންގެ ބައެއްކަމުގައެވެ.
މިފަރާތްތައް މިހާރުވަނީ ހައްޔަރުކުރެވިފައި ކަމަށާއި އެމީހުންނާދެކޮޅަށް ޤާނޫނީ ފިޔަވަޅުއެޅޭނެ ކަމަށް ބްރިގޭޑިޔަރ މަސްއޫދު ވިދާޅުވިއެވެ. ބަންގްލަދޭޝަށް ގެންނަންއުޅުނު ކަމަށްބުނާ ޢަސްކަރީ އިންޤިލާބާބެހޭ އިތުރު ތަފްސީލެއް އެޤައުމުގެ ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.
2009 ވަނައަހަރު ވެރިކަމަށް ވަޑައިގެންނެވިފަހުން ޝައިޚް ޙަސީނާގެ ވެރިކަމާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުންނާއި ދީނީ ބައެއް ޖަމާއަތްތަކުން ގެންދަނީ ކޮރަޕްޝަނުގެ މައްސަލައާއި އެނޫންތަފާތު މައްސަލަތަކުގެ ތުހުމަތުތައް ކުރަމުންނެވެ.
2014 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ބަންގަލަދޭޝްގެ އާންމު އިންތިޚާބަށް ސަރުކާރުން ނުފޫޒު ފޯރުވާނެކަމަށްބުނެ އިދިކޮޅު ފަރާތްތަކުން ގެންދަނީ އެއިންތިޚާބުގެ ކުރިން އިންތިޤާލީ ސަރުކާރެއް ޤައުމުގައި އެކުލަވާލުމަށް ޙަސީނާގެ ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރަމުންނެވެ.
2009 ވަނަ އަހަރު ގެ ފެބްރުއަރީމަހު ބަންގްލަދޭޝްގެ ސިފައިން ގެންނަންއުޅުނު ޢަސްކަރީ ބަޣާވާތެއްގައި 70 މީހަކު މަރުވެފައިވާއިރު މީގެތޭރެއިން 51 މީހުންނަކީ ސިފައިންނެވެ. ބަންގްލަދޭޝްގެ އުފެދުނުފަހުން މިހާތަނަށް 15 އަހަރު އެޤައުމުގައި ވެރިކަންކޮށްފައިވަނީ ޢަސްކަރީ ސިފައިންނެވެ. --އަލްޖަޒީރާ