ބޮލީވުޑްގެ ޒުވާން ދެ ތަރިން ކަމަށްވާ ވަރުން ދަވަން 33، ކްރިތީ ސެނަން 30، އެކުގައި ސްކްރީނުން ފެންނަށް ތައްޔާރުވެއްޖެ އެވެ.

ދެތަރިން އެކުގައި ފެނިގެންދާ ދެ ވަނަ ފިލްމަކީ "ބޭޅިޔާ"އެވެ. މި ފިލްމުގައި ވަރުން އާއެކު ލީޑު ރޯލު ކުޅެން ކްރިތީ ހަމަޖައްސާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް ކުރިން މީޑިއާތަކުން ރިޕޯޓްކުރީ ފިލްމުގައި ވަރުން އާއެކު ހަރަކާތްތެރިވާނީ ޝްރައްދާ ކަމަށެވެ.

"ބޭޅިޔާ"ގެ ނަންދީފައިވާ މި ފިލްމަކީ "ސްޓްރީ"ގެ ޑައިރެކްޓަރު އަމަރް ކޯޝިކް ގެނެސްދޭ ފިލްމެކެވެ. ދިނޭޝް ވިޖަން ޕްރޮޑިއުސްކުރާ މި ފިލްމު ޝޫޓްކުރަން ފަށާނީ އަންނަ ޖަނަވަރީ މަހުގައެވެ. ކްރިތީ އާއި ވަރުން އެންމެ ފުރަތަމަ ސްކްރީނުން އެކުގައި ފެނުނު ފިލްމަކީ 2015 ވަނަ އަހަރު ނުކުތް "ދިލްވާލޭ" އެވެ. އެ ފިލްމުގައި ކާޖޮލް އާއި ޝާހްރުކްވެސް ހަރަކާތްތެރިވި އެވެ. އެ ފިލްމު ބެލުމަށްފަހު ވަރުން އާއި ކްރިތީ ގެ ޖޯޑު ގިނަ ބަޔަކަށް ކަމުދިޔަ އެވެ.