01 Nov 2020, 20:48
މާލޭގައި ޓެކްސީގެ ހިދުމަތް ދިނުމުގައި ހަރަކާތްތެރިވާ އަންހެން ޓެކްސީ ޑްރައިވަރު އައިމިނަތު ވަހީދާގެ ކާރަށް ތަފާތު އެކި ފަހަރުމަތިން ގެއްލުންދޭ މައްސަލާގައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
އެމައްސަލާގައި މަޖިލީހަށް ކުއްލި މައްސަލަ ހުށަހެޅުއްވީ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެވެ. މާދަމާގެ ޖަލްސާއަށް އެމައްސަލަ ވަނީ ތާވަލުކޮށްފަ އެވެ.
އަލީ އާޒިމް ހުށަހެޅުއްވި މައްސަލާގައި ބުނެފައި ވަނީ އެމައްސަލަ ހުށަހަޅައި ޓެކްސީ ޑްރައިވަރު އައިމިނަތު ވަހީދާއަށް ފުރައްސާރަކޮށް އެކި ފަހަރުމަތިން އޭނާގެ ކާރަށް ގެއްލުންދޭތީ ކަމަށެވެ. އެ ދަށު ދަރަޖައިގެ އަމަލުގެ ސަބަބުން އާމްދަނީ ހޯދުމަށް އޭނާއަށް ހުރަސް އެޅިފައިވާ ކަމަށްވެސް ކުއްލި މައްސަލާގައި ބުނެފައި ވެ އެވެ.
"އޭނާއަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިފައިވާ މި ދަނޑިވަޅުގައި މިކަމުގެ ކަންބޮޑުވުން ފާޅުކޮށް. މިކަން ބަލައި. އޭނާއަށް ގެއްލުންދިން ބަޔަކަށް ހައްގު އަދަބު ދިނުމަށް ގޮވާލަން." އެ ކުއްލި މައްސަލާގައި ބުނެފައިވެ އެވެ.
އާމްދަނީ ހޯދުމަށް އަންހެނުން ކުރާ އެފަދަ މަސައްކަތަށް ހިތްވަރު ދިނުމަށް ކުއްލި މައްސަލާގައި ވަނީ ގޮވާލާފަ އެވެ.
އެތައް ފަހަރެއްގެ މަތިން އައިމިނަތު ވަހީދާގެ ކާރަށް ގެއްލުން ދީފައިވާއިރު މީގެ ފަސް ދުވަސް ކުރިންވެސް ވަނީ އޭނާގެ ކާރުގެ ވިންޑް ސްކްރީން ތަޅާލާފަ އެވެ.
އާމިނަތު ވަހީދާ ފޭސްބުކްގައި ބުނެފައިވަނީ އެއީ އޭނާ ޓެކްސީ ކުރަން ފެށިފަހުން ކާރަށް ގެއްލުންދިން ފަސްވަނަ ފަހަރު ކަމަށެވެ.
ޓެކްސީއަށް ގެއްލުން ލިބުމުން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތް ހުއްޓުމަކަށް އައިސްފައިވާ ކަމަށާއި، ޓެކްސީ އަަށް ތަކުރާރުކޮށް ގެއްލުންދެ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދުމަށް އާންމުންނާއި ފުލުހުންގެ އެއްބާރުލުމާއި އެހީތެރިކަން އޭނާ އަށް ބޭނުންވާކަމަށް އައިމިނަތު ބުނެފައިވެއެވެ.