ކުށުގެ ތުހުމަތުގައި ބަންދުކުރާ މީހުންގެ ބަންދާ މެދު ގޮތް ނިންމުމަށް ކްރިމިނަލް ކޯޓުން ބާއްވާ ޝަރީއަތުގެ މަޖިލީސްތައް ހިނގާ ގޮތް ބަލައި އެކަން ދިރާސާ ކުރަން ނިންމާފައިވާ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފި އެވެ.

ޖޭއެސްސީއިން ނެރުނު ބަޔާނެއްގައި ބުނީ ބަންދާ މެދު ގޮތް ނިންމުމަށް ކްރިމިނަލް ކޯޓުން ބާއްވާ މަޖިލިސް ތަކަށް ފަނޑިޔާރުން ހަމަޖެއްސުމުގައި އަމަލުކުރާ އުސޫލުވެސް ބަލަން ނިންމާފައިވާ ކަމަށެވެ. އަދި ތާވަލު ކުރެވިފައިވާ ބަންދު މަޖިލިސް ތަކަށް ފަނޑިޔާރަށް ހާޒިރު ނުވެވޭ ހާލަތުގައި ދެން އަމަލު ކުރަމުންދާ އުސޫލުވެސް ބަލަން ނިންމާފައިވާ ކަމަށް ޖޭއެސްސީއިން ބުންޏެވެ.

"ބަންދާ މެދު ގޮތް ނިންމާ މަޖިލިސްތަކަށް ހަމަޖެހިފައިވާ ފަނޑިޔާރުން ބަދަލުކުރުމުގައި އަމަލުކުރާ ގޮތުގެ އުސޫލާ ގުޅޭ މައުލޫމާތު ހޯދައި ދިރާސާ ކުރުމަށް މިއަދު ބޭއްވުނު ކޮމިޝަނުގެ 80 ވަނަ ބައްދަލުވުމުގައި ވަނީ ނިންމާފަ އެވެ." ޖޭއެސްސީއިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ކްރިމިނަލް ކޯޓުގެ ބަންދު މަޖިލިސް ކުރިއަށް ގެންދާ ގޮތް ބަލަން ޖޭއެސްސީއިން ނިންމި ވަކި ސަބަބެއް އެ ބަޔާނުގައި ހާމަކޮށްފައެއް ނުވެ އެވެ.