އެމެރިކާގެ ރިޔާސީ އިންތިހާބުގެ އާލީ ވޯޓުން ނުވަތަ ކުރީބައިގައި ވޯޓުލުމުގެ މަރުހަލާގައި 91.6 މިލިއަން މީހުން ވޯޓުލައިފި އެވެ.

އެއާއެކު ވޯޓު ލާން ރަޖިސްޓްރީކުރި މީހުންގެ 43 ޕަސެންޓް މީހުން މިހާރު ވަނީ ވޯޓުލައިފަ އެވެ.

އެމެރިކާގެ 16 ސްޓޭޓެއްގެ ދެ ބައި ކުޅައެއް ބަޔަށް ވުރެ ގިނަ މީހުންވެސް ވަނީ ވޯޓުލައިފަ އެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބު އޮންނާނީ އަންނަ އަންގާރަ ދުވަހު އެެވެ.

ކުރީގެ ރިޔާސީ އިންތިހާބުތަކާ އަޅާ ބަލާއިރު ރެކޯޑް އަދަދެއްގެ މީހުން ވަނީ އަލީ ވޯޓިންގައި ވޯޓު ލައިފަ އެވެ.

ކޮރޯނާ ވައިރަސްއާއެކުވެސް ގިނަ އަދަދެއްގެ ބަޔަކު ވޯޓުލާން ނިކުތުމުން ގިނަ ބަޔަކު ވޯޓު ދޭން ބޭނުންވާކަން ވަނީ ހާމަވެފަ އެވެ.

އެމެރިކާގައި އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބްގައި 138 މިލިއަނެއްހާ މީހުން ވޯޓުލި އެވެ.

އިންތިހާބުގައި ވާދަކުރާ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ޖޯ ބައިޑެންއަށް ތާއިދުކުރައްވާ ފަރާތްތަކުން އާލީ ވޯޓިންއަށް އިސްކަންދިންއިރު އެމެރިކާގެ ރައީސް އަދި ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕްއަށް ތާއިދުކުރާ ފަރާތްތަކުން ބޮޑަށް އިސްކަންދެނީ ރަސްމީ ދުވަހު ވޯޓު ލުމަށެވެ. ނަމަވެސް ފްލޮރިޑާ، ނޯތު ކެރޮލައިނާ އަދި ނެވާޑާގައި ވޯޓުލި ރިޕަބްލިކަނުން އަދަދު ޑިމޮކްރެޓިކުންނާ ގާތް ގަނޑަކަށް އެއްވަރެވެ.

ބައިޑެން އަދި ޓްރަމްޕްވެސް އެންމެ ފަހުގެ ކެމްޕޭންގައި އެއްމެ ބޮޑަށް އިސްކަންދެއްވީ އެ ސްޓޭޓްތަކަށެވެ. --ސީއެންއެން