01 Nov 2020, 19:18
ޓުއަރިޒަމް އާއި ވިޔަފާރީގެެ ދާއިރާ އިން ރާއްޖެ އާއި އިނގިރޭސިވިލާތުން ގުޅުން ބަދަހި ކުރުމަށް މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ޔޫކޭގެ ސަފީރު ކެރޮން ރޮސްލާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް މިއަދު ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގައެވެ.
ރައީސް އޮފީހުން ބުނީ ރައީސް ސޯލިހާއި ސަފީރު ކެރޮންގެ ބައްދަލުކުރެއްވުމުގައި ދެގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމާ ގުޅޭގޮތުން ވާހަކަ ދައްކަވާފައިވާ ކަމަށެވެ.
މި ބައްދަލު ކުރެއްވުމުގައި ރައީސް ސޯލިހު ވަނީ، ރާއްޖޭގައި ގާއިމުވެ ހުންނަވާ އިނގިރޭސިވިލާތުގެ ފުރަތަމަ ސަފީރުކަމުގެ، މަގާމުގެ ފުރަތަމަ ދައުރު ފުރިހަމަކުރައްވާފައިވާތީ، އެކަން ފާހަގަކުރައްވާ، ކެރޮން އަށް މަރުހަބާ ދަންނަވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހާއި އިނގިރޭސި ސަފީރު ވަނީ ފަތުރުވެރިކަމުގެ ސިނާއަތާއި، ވިޔަފާރީގެ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުންތައް އިތުރަށް ބަދަހިކުރުމުގެ އިތުރުން، އިނގިރޭސިވިލާތުގައި ތައުލީމު ހާސިލުކުރުމަށް ދިވެހި ދަރިވަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމާއި، ސަލާމަތީ ކަންކަން ހަރުދަނާކުރުމުގެ ގޮތުން އެކުގައި މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފައެވެ.
އަދި މޫސުމާ ގުޅޭ ކަންތައްތަކުގައި ގުޅިގެން މަސައްކަތްކުރުމާމެދު ފުޅާ ދާއިރާއެއްގައި ދެބޭފުޅުން މަޝްވަރާ ކުރެއްވިކަމަށް ރައީސް އޮފީހުން ބުންޏެވެ.
ކެރޮންގެ ސަފީރުކަމުގެ ދައުރުގައި، މޫސުމީ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެކުގައި މަސައްކަތްކުރުމާއި، އަދި ވެސް އެހެނިހެން ދާއިރާތުން ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމަށް މަސައްކަތްކޮށްފައިވެއެވެ.
ރައީސް ސޯލިހު ވަނީ، 26 ވަނަ ޔޫއެން ކްލައިމެޓް ޗޭންޖް ކޮންފަރެންސް އޮފް ދަ ޕާޓީސް (ސީ.އޯ.ޕީ. 26) ގައި ރާއްޖެއިން ބައިވެރިވުމަށް އިނގިރޭސި ވިލާތުން ދީފައިވާ ދައުވަތަށް ޝުކުރު ދަންނަވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް އާއި ސަފީރު ކެރޮން ވަނީ، ކޮވިޑް-19 ގެ ހާލަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އިނގިރޭސި ސަފީރު ވަނީ ދިވެހި ސަރުކާރުން ކޮވިޑް-19 ގެ މި ހާލަތުގައި ނަންގަވާފައިވާ ހަރުދަނާ ފިޔަވަޅުތައް ފާހަގަކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މި ބަލިމަޑުކަމާއެކު އިންގްލެންޑް ފުރަބަންދުކުރުމާ ގުޅިގެން، އެ ސަރަހައްދުގެ ހާލަތު ރަނގަޅުވުމަށް އުންމީދުކުރައްވާކަން ފާހަގަކުރައްވާ، އެއަށްފަހު ރާއްޖެއަށް ޒިޔާރަތްކުރާ އެ ގައުމުގެ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް މި ބައްދަލު ކުރެއްވުމުގައި ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.
ހަމައެއާއެކު، ދާދި ފަހުން ދެ ގައުމުގެ ދެމެދު ގާއިމުކުރުމަށް އިއުލާންކުރި އެއާ ބްރިޖްގެ ދަށުން ކަރަންޓީނު ނުވެ ރާއްޖެއަށް ފަތުރުވެރިންނަށް އައުމަށް މަގުފަހިވެގެން ދިއުމަށް އުންމީދުކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލެއްގެ ގޮތުގައި އިނގިރޭސިވިލާތުން އިޢުލާނުކުރުމާއި ގުޅިގެން، އެ ކަމަށް ރައީސް ސޯލިހު ވަނީ ޝުކުރު އަދާކުރައްވައިފައެވެ.