އިންޑިއާއަށް ދަތުރުކުރާ ދިވެހިންނަށް އަނެއްކާވެސް އިތުރު ލުއިތަކެއް ދޭން އެގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

ކޮވިޑް-19 އާ ގުޅިގެން އިންޑިއާގެ ބޯޑަރުތައް ބަންދުކޮށްފައި އޮތް ނަމަވެސް ރާއްޖެ އާއި އިންޑިއާ އާއި ދެމެދު ގާއިމްކޮށްފައިވާ ޓްރެވަލް ބަބްލްގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި ވަނީ ދަތުރުތައް ފަށައިފައެވެ.

މީގެެ އިތުރުން އިންޑިއާ އިން ވަނީ ހާއްސަ ހުއްދައިގެ ދަށުން ރާއްޖޭގައި ތިބި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުން އިންޑިއާ އަށް ދިޔުމުގެ ހުއްދަ އެކި ފަހަރު މަތިން ދީފައެވެ.

އިންޑިއާ ސަރުކާރުން މިހާރުވަނީ މި ހާލަތުގައި އެ ގައުމަށްދާ ދިވެހިންނަށް އިތުރު ލުއިތަކެއްދޭން ނިންމާފައިކަމަށް ފޮރިން މިނިސްޓްރީ އިން ބުންޏެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާ އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު މިއަދު މެންދުރުފަހު ބޭއްވި ބައްދަލުވުމަށްފަހު، ރާއްޖެއިން އިންޑިއާ އަށް ދާ ވިޔަފާރިވެރިންނާއި، ކިޔަވާ ކުދިންނަށްއެ ގައުމަށް ދިޔުމަށް ހާއްސަ ހުއްދައެއް ދިނުމަށް ނިންމާފައިވާކަން ވަނީ ހިއްސާ ކުރައްވައިފައެވެ.

މިހާރުވެސް ހާއްސަ ހުއްދައެއްގެ ދަށުން ބޭސް ފަރުވާއަށް އިންޑިއާއަށް ދާން ބޭނުންވާ ދިވެހިންނަށް ދަތުރުކުރުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.

ވިޔަފާރިއާއި ތައުލީމުގެ ބޭނުމަށް އިންޑިއާއަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ކޮންސިއުލާ ޑިޕާޓްމަންޓް މެދުވެރިކޮށް އިންޑިއާއަށް ދަތުރުކުރުމަށް ބޭނުންވާ ހާއްސަ ހުއްދަ ހޯދުމަށްފަހު، އިންޑިއާއާއި ދިވެހިރާއްޖެއާ ދެމެދު ގާއިމްކޮށްފައިވާ ޓްރެވަލް ބަބްލް ތެރެއިން ދަތުރުކުރެވޭނެ ކަމަށް ފޮރިން މިނިސްޓްރީ އިން ބުންޏެވެ.

މި ލުއިފަސޭހައާއެކު މިނިސްޓަރު ޝާހިދު ވަނީ އިންޑިއާގެ ބޮޑުވަޒީރަށާއި ހާރިޖީ ވަޒީރަށް ޝުކުރު އަދާ ކުރައްވައިފައެވެ.


ކޮންސިއުލަރ ޑިޕާޓްމަންޓްގެ އީމެއިލް:[email protected]