ކްރިމިނަލް ކޯޓާށާއި ސިވިލް ކޯޓަށް ފަނޑިޔާރުން ހޯދަން އިއުލާނު ކޮށްފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ކްރިމިނަލް ކޯޓަށް އެއް ފަނޑިޔާރަކު އަދި ސިވިލް ކޯޓަށް އެއް ފަނިޔާރަކު ހޯދަން އިއުލާނު ކޮށްފައެވެ.

ކްރިމިނަލް ކޯޓު އަދި ސިވިލް ކޯޓުގެެ ފަނޑިޔާރުންނަށް މުސާރައިގެ ގޮތުގައި މަހަކު 30،000 ރުފިޔާ ލިބޭއިރު ލިވިން އެލަވެންސަށް މަހަކު 15،000 ލިބެއެވެ. ރިސްކު އެލަވެންސްގެ ގޮތުގައި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް 3،300 ރުފިޔާ އަދި ސިވިލް ކޯޓުގެ ފަނޑިޔާރުންނަށް 1،650 ރުފިޔާ ލިބެއެވެ.

ދެ ކޯޓުގެ ފަނޑިޔާރުންނަށްވެސް ފަނޑިޔާރުންގެ ގާނޫނުގައިވާގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެ މަތިން މެޑިކަލް އިންޝުއަރެންސް ލިބޭއިރު ފޯނު އެލަވެންސް ވެސް ލިބޭނެއެވެ.

މި ދެ މަގާމުގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 25 އަހަރު ފުރިފައިވުމާއި އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ދާއިރާއިން ޑިގްރީ ހާސިލްކޮށްފައިވުން އަދި ގާނޫނީ ވަކީލުކަން ނުވަތަ ފަނޑިޔާރުކަމުގެ ދެ އަހަރުގެ ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ.

މީގެ އިތުރުން މަގާމަށް ކުރިމަތިލާ ފަރާތަކީ ސުންނީ ޖަމާއަތުގެ މުސްލިމަކު ކަމުގައިވުމާއި، ބުއްދިހަމައަށް ހުރި މީހަކު ކަމުގައިވުން؛
ގާނޫނުއަސާސީގެ ދަށުން ނުވަތަ ގަނޫނެއްގެ ދަށުން އިންތިޙާބުކޮށްފައިވާ ނުވަތަ ޢައްޔަންކޮށްފައިވާ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން؛ ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ޙަރަކާތްތެރިވާ މީހަކު ކަމުގައި ނުވުމާއި އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ހިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ޝަތުރުތަކުގެ ތެރޭގައި ހިމެނެއެވެ.

އަދި ގާނޫނުލްއުގޫބާތުގެ ދަށުން ކުށެއް ކުރިކަމަށް ނުވަތަ އެއްވެސް ބާވަތެއްގެ ބަދުއަހުލާގީ އަމަލެއް ހިންގިކަމަށް ނުވަތަ ޓެރަރިޒަމްގެ ކުށެއް ކުރިކަމަށް ހުކުމްކުރެވި އެ ހުކުމް ވޭތުވެދިޔަ ހަތް އަހަރު ދުވަހުގެ ތެރޭގައި ތަންފީޒުކޮށް ނިމިފައިވާ މީހަކު ކަމުގައި ނުވުމާއި
އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ހުކުމާއެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ މީހެއްކަމުގައިވުން ވެސް ޝަރުތު ތަކުގެ ތެރޭގައި ހިމެނެއެވެ. އަދި ފަނޑިޔާރުކަމަށް ކުރިމަތިލާ ފަރާތަކީ ޖިނާއީ ކުށެއް ސާބިތުވެ ހުކުމް ތަންފީޒު ކުރަމުންދާ މީހަކު ކަމުގައި ވެގެންވެސް ނުވާނެ އެވެ.

މި ޝަތުރުތައް ހަމަވާ، މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން ހުށަހަޅަންޖެހޭޭ ލިޔެކިޔުންތަކާއެކު މިމަހުގެ ނުވަ ވަނަ ދުވަހުގެ ކުރިން[email protected]އަށް އީމެއިލް ކުރުމަށް ޖޭއެސްސީގެ އިއުލާނުގައި ވެއެވެ.