މިއަހަރުގެ ތިންވަނަ ކުއާޓަރުގައި އުރީދޫ މޯލްޑިވްސްއަށް ލިބުނު އާމްދަނީ، ދެވަނަ ކުއާޓަރާ އަޅާބަލާއިރު 10.2 ޕަސެންޓު ދަށްވެއްޖެ އެވެ.

އުރީދޫގެ ކުއާޓަލީ ރިޕޯޓުން ދައްކާ ގޮތުގައި ތިންވަނަ ކުއާޓަރުގައި އެކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބުނީ 367.8 މިލިއަން ރުފިޔާ އެވެ. މިއީ ދެވަނަ ކުއާޓަރުގައި ލިބުނު 409.6 މިލިއަން ރުފިޔާއާ އަޅާބަލާއިރު 10.2 ޕަސެންޓު ދަށް އަދަދެކެވެ.

އުރީދޫއިން ބުނީ ތިންވަނަ ކުއާޓަރުގައި އެކުންފުނީގެ އާމްދަނީ ދަށްވީ ކޮވިޑް19 ޕެންޑެމިކްގެ ސަބަބުން ކަމަށެވެ.

ދެވަނަ ކުއާޓަރުގައި ކުންފުނީގެ ހިންގާ ހަރަދު 313.5 މިލިއަން ރުފިޔާގައި ހުރިއިރު، ތިންވަނަ ކުއާޓަރުގައި ހަރަދުތައް 292.4 މިލިއަނަށް ވަނީ ކުޑަކޮށްފަ އެވެ.

އެހެން ނަމަވެސް އާމްދަނީއަށް އައި ހީނަރުކަމާއެކު އުރީދޫގެ ސާފު ފައިދާ ވެސް ދެވަނަ ކުއާޓަރާ އަޅާބަލާއިރު ތިންވަނަ ކުއާޓަރުގައި ވަނީ ދަށްވެފަ އެވެ. ދެވަނަ ކުއާޓަރުގައި 80.7 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބުނު ނަމަވެސް، ތިންވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބުނީ 62 މިލިއަން ރުފިޔާ އެވެ.