މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ދިރާގަށް 586.7 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ އެވެ.

ދިރާގުގެ މާލީހިސާބުތަކުން ދައްކާ ގޮތުގައި ތިންވަނަ ކުއާޓަރުގައި ލިބުނު އާމްދަނީއަކީ ދެވަނަ ކުއާޓަރުގައި ލިބުނު އާމްދަނީއާ އަޅާބަލާއިރު 50 މިލިއަން އިތުރު އަދަދެކެވެ. ދެވަނަ ކުއާޓަރުގައި ލިބުނީ 546.7 މިލިއަން ރުފިޔާ އެވެ.

ތިންވަނަ ކުއާޓަރުގައި ލިބުނު އާމްދަނީގެ ތެރެއިން ބޮޑުބައެއް ލިބިފައިވަނީ އެކުންފުނިން ފޯރުކޮށްދޭ މޮބައިލް ހިދުމަތްތަކުންނެވެ. މިބައިން 329.7 މިލިއަން ރުފިޔާގެ އާމްދަނީއެއް ދިރާގަށް ވަނީ ލިބިފަ އެވެ. އަދި ފިކްސްޑް، ބްރޯޑްބޭންޑް އަދި އެންޓަޕްރައިސް ބައިން 242.3 މިލިއަން ރުފިޔާ ލިބުނުއިރު، އެހެނިހެން އާމްދަނީގެ ގޮތުގައި 14.6 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

ދެވަނަ ކުއާޓަރާ އަޅާބަލާއިރު ތިންވަނަ ކުއާޓަރުގައި ދިރާގުގެ ހިންގާ ހަރަދު ވަނީ އިތުރުވެފަ އެވެ. އެގޮތުން ދެވަނަ ކުއާޓަރުގައި ހިންގާ ހަރަދުގެ ގޮތުގައި 292 މިލިއަން ރުފިޔާ ހޭދަކުރިއިރު، ތިންވަނަ ކުއާޓަރުގައި ހިންގާ ހަރަދު ހުރީ 298 މިލިއަން ރުފިޔާގަ އެވެ.

އެހެން ނަމަވެސް އާމްދަނީ އިތުރުވުމާއެކު ތިންވަނަ ކުއާޓަރުގައި ދިރާގަށް ލިބުނު ސާފު ފައިދާ ވެސް ވަނީ އިތުރުވެފަ އެވެ. ދެވަނަ ކުއާޓަރުގެ ސާފު ފައިދާ 129.5 މިލިއަން ރުފިޔާ ލިބުނުއިރު، ތިންވަނަ ކުއާޓަރުގައި ލިބުނީ 158.6 މިލިއަން ރުފިޔާ އެވެ.