ކޮވިޑް19 އާ ގުޅިގެން ފަތުރުވެރިން އަދި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން ކަރަންޓީންކުރުމަށާއި އައިސޮލޭޓް ކުރުމަށް ވަކި ހާއްސަ ރިސޯޓެއް ކަނޑައަޅަން ޓޫރިޒަމް މިނިސްޓްރީން ނިންމައިފިއެވެ.

މިނިސްޓްރީން ބުނީ ކޮވިޑަށް ޕޮޒިޓިވްވާ އަދި ކޮންޓްރެކްޓް ޓްރޭސިންގ ގެ ތެރެއިން ޑައިރެކްޓް ކޮންޓެކްޓްގެ ގޮތުގައި ފާހަގަވާ ޓޫރިސްޓުންނާއި މުވައްޒަފުން އައިސޮލޭޓް އަދި ކަރަންޓީން ކުރާނީ އެކަމަށް ހާއްސަކުރާ ރިސޯޓުގައި ކަމަށެވެ.

މިނިސްޓްރީން ވަނީ އެކަމަށް ހާއްސަ ރިސޯޓެއް ކަނޑައެޅުމަށްޓަކައި އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފައެވެ.

އެގޮތުން ކަރަންޓީން އަދި އައިސޮލޭޝަން ފެސިލިޓީގެގޮތުގައި ހަމަޖައްސާ ރިސޯޓުގައި މަދުވެގެން 50 ކޮޓަރި ހުންނަން ޖެހޭނެ ކަމަށާއި، ކ، އއ، އދ ނުވަތަ ވ. އަތޮޅުގެ، ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ގަވާއިދުތަކަށް ފެތޭ ރިސޯޓަކަށް ވާންޖެހޭނެއެވެ.

އަދި ތިން މަސްދުވަހަށްވުރެ ކުރުނޫން މުއްދަތަކަށް މުޅި ރިސޯޓް މިނިސްޓްރީއަށް ލިބުމާއެކު ރިސޯޓުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ކަރަންޓީން އަދި އައިސޮލޭޓް ކުރެވޭ މީހުންގެ ކެއުމާއި ތިބުމުގެ އެންމެހާ އިންތިޒާމްތައް ރިސޯޓުން ހަމަޖެހޭގޮތަށް ހުންނަން ޖެހޭނެ ކަމަށް ވެސް އިއުލާނުގައިވެއެވެ.

އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން 10 ނޮވެންބަރު ވާ އަންގާރަ ދުވަހުގެ 13:00 ގައި ޒޫމް މެދުވެރިކޮށް ބާއްވާ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ، 16 ނޮވެމްބަރު ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00ގެ ކުރިން ޝައުގުވެރިކަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ނުވައެއް ނޮވެމްބަރު ދުވަހުގެ 14:00ގެ ކުރިން ޓޫރިޒަމް މިނިސްޓްރީގެ އީމެއިލް އަށް މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް އެދި ނަމާއި، އީމެއިލް އެޑްރެސް، އީމެއިލް ކުރަން މިނިސްޓްރީން އެދެއެވެ.

މިވަގުތު ރާއްޖޭގެ 18 ރަށާއި، 27 ރިސޯޓެއްގައި ކޮވިޑަށް ޕޮޒިޓިވް 35 ފަތުރުވެރިންނާއި 81 މުވައްޒަފުން އެބަތިއްބެވެ.