ރިޔާޒް (ނޮވެމްބަރު 1): ސައުދީ އަރަބިއާއަށް އުމްރާ ކުރަން ނުދެވޭތާ ހަތް މަސް ފަހުން ފުރަތަމަ ފަހަރަށް ބޭރު ގައުމުތަކުން މީހުން އެގައުމަށް އުމްރާއަށް ދާން ފަށައިފި އެވެ.

ސައުދީ ޑެޕިއުޓީ މިނިސްޓާ އޮފް ހައްޖު އެންޑް އުމްރާ، އަމްރު އަލް މައްދާ ވިދާޅުވި ގޮތުގައި އުމްރާއަށް ދާން އެކި ގައުމުތަކުން 10،000 މީހުން ވަނީ އެގައުމަށް މިސްރާބު ޖަހާފަ އެވެ. އަދި އެ މީހުން ތިން ދުވަހަށް އެކަހެރި ވާން ޖެހޭނެ ކަމަށް އެގައުމުގައި އެމީހުންނަށް ތިބެވޭނީ 10 ދުވަހަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ސައުދީއިން މިހާރު އުމްރާ ކުރަން ފުރުސަތު ދެނީ ބޭރު ގައުމުތަކުންދާ 18 އަހަރާއި 50 އަހަރާ ދެމެދުގެ މީހުންނަށް އެކަންޏެވެ. އަދި އެގައުމަށް ދިޔުމުގެ ކުރިން 72 ގަޑި އިރު ތެރޭ ހަދާފައިވާ ކޮރޯނާވައިރަސް ޕީސީއާރު ޓެސްޓުގެ ނަތީޖާ އެ މީހުން ހިއްސާ ކުރަން ޖެހޭނެ އެވެ.

މިނިސްޓަރު މައްދާ ވިދާޅުވި ގޮތުގައި އުމްރާއަށް ދާ މީހުން ގަވައިދުން ކޮވިޑް-19އަށް ޓެސްޓު ކުރަމުން ދާނެ އެވެ. އަދި މީހަކަށް ބަލި ޖެހިއްޖެ ނަމަ އެކަން ވަރަށް ގާތުން ބަލާނެ އެވެ.

ކޮރޯނާވައިރަހުގެ ސަބަބުން މިދިޔަ މާޗް މަހު ސައުދީން އުމްރާ ކުރުން ހުއްޓާލާފައި އޮތުމަށް ފަހު މިދިޔަ މަހުގެ ހަތަރެއްގައި އެގައުމުން ވަނީ އެގައުމުގައި ދިރިއުޅޭ މީހުންނަށް އުމްރާ ކުރަން ފުރުސަތު ދޭން ފަށާފަ އެވެ. އެގޮތުން އުމްރާ ކުރަން ފެށުމުގެ ފުރަތަމަ ފިޔަވަހީގައި އުމްރާގައި ބައިވެރިވާން ހުއްދަ ދިނީ ދުވާލަކަށް 6،000 މީހުންނެވެ. ދެން މިދިޔަ މަހުގެ 18އިގައި ދެވަނަ ފިޔަވަހި ފެށުމުން ދުވާލަކަށް 15،000 މީހުންނަށް އުމްރާ ކުރަން ހުޅުވާލި އެވެ.

އެއަށް ފަހު މިއަދުން ފެށިގެން ދުވާލަކު 20،000 މީހުންނަށް އުމްރާ ކުރެވޭނެ އެވެ. އަދި ބޭރު ގައުމުތަކުގެ މީހުންނަށް އުމްރާގެ އަޅުކަމުގައި ބައިވެރިވާން ފުރުސަތު ދޭނީ އެކި ގުރޫޕުތަކަށް ބަހާލައިގެންނެވެ.

މިނިސްޓަރު މައްދާ ވިދާޅުވި ގޮތުގައި ސައުދީން އުމްރާއަށް ދާން ހުއްދަ ދީފައިވާ ގައުމުތަކުގައި ކޮރޯނާވައިރަސް ފެތުރޭ މިންވަރު އެގައުމުން ދާނީ މޮނިޓާ ކުރަމުންނެވެ. އަދި ވައިރަހުގެ ކޭސްތައް އިތުރުވާ ނަމަ އެގައުމުތަކުގެ މީހުންނަށް އުމްރާއަށް ވިސާ ދިނުން ހުއްޓާލާނެ އެވެ.

ކޮރޯނާވައިރަސް ފެތުރުމުގެ ނުރައްކާ އޮތުމުން ސައުދީން މިއަހަރުގެ ހައްޖުގައި ބައިވެރި ކުރީ އެގައުމުގައި ދިރިއުޅޭ 10،000 މީހުންނެވެ. އެއާ އަޅާ ބަލާއިރު މިދިޔަ އަހަރުގެ ހައްޖުގައި 2.5 މިލިއަން މީހުން ބައިވެރިވި އެވެ.

ސައުދީ އަރަބިއާގައި މިހާތަނަށް 347,200އަށް ވުރެ ގިނަ މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި 5,402 މީހަކު ވަނީ މަރުވެފަ އެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 333،000އަށް އަރާފަ އެވެ.