01 Nov 2020, 13:29
ދެ ފަރާތެއްގެ ދެމެދުގައި ވެވޭ އެއްބަސްވުމެއްގެ ދަށުން ފައިސާ ނުދެއްކުމުން، ޖޫރިމާނާގެ ގޮތުގައި އަރާ ފައިސާ އާދަޔާހިލާފަށް ބޮޑުވާނަމަ ކޯޓުތަކުން އެ ޖޫރިމާނާ ކުޑަ ކުރަން ޖެހޭނެ ކަމަށް ހައިކޯޓުން ކަނޑައަޅައިފި އެވެ.
ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރާާ ނަމަ އެ އަދަދު ކޯޓުން ކުޑަ ކުރަން ޖެހޭނެ ކަމަށް ކަނޑައެޅީ އިމާރާތެއްގެ އިންޓީރިއާ މަސައްކަތަކަށް ވާ 150،732 ރުފިޔާ ނުދެއްކުމުން، އެ ފައިސާ ނުދައްކާ ފާއިތުވި ދުވަހަކަށް ޖޫރިމަނާގެ ގޮތުގައި 889،318 ރުފިޔާ ދައްކަން ސިވިލް ކޯޓުން ކުރި ހުކުމެއްގެ އިސްތިއުނާފު މައްސަލައިގަ އެވެ. އެއީ ޑްރީމް ހޯލްޑިންސްއާއި އެމް ބިލްޑާސްއާ ދެމެދު އުފެދުނު މައްސަލައެކެވެ. އެ ދެ ކުންފުނީގެ ދެމެދުގައި ހެދި އެއްބަސްވުމުގައި ވަނީ ފައިސާ ނުދައްކާ ކޮންމެ ދުވަހަކަށް ނުދައްކާވާ ފައިސާގެ ފަސް ޕަސެންޓު ޖޫރިމާނާގެ ގޮތުގައި އިތުރުވަމުންދާނެ ކަމަށެވެ.
އެ މައްސަލައިގައި ފައިސާ ދައްކަން ޖެހުނު ޑްރީމް ހޯލްޑާސްއިން ސިވިލް ކޯޓުގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، މިދިޔަ ބުދަ ދުވަހު ހައިކޯޓުން ކުރި ހުކުމުގައި ވަނީ، ޖޫރިމަނާގެ މިންވަރު އެކަށީގެން ނުވާ މިންވަރަށް ވުރެ ބޮޑުވެގެން ނުވާނެ ކަމަށް ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައިވާ މައްސަލަތަކެއްގައިވެސް ބަޔާންކުރާ ކަމަށެވެ. އަދި ބޮޑެތި އަދަދުތަކުން ޖޫރިމަނާ ފައިސާ ނަގައިދިނުމަކީ ނާޖާއިޒު ފައިދާ ނަގައިދިނުމަށް ހުޅުވޭ ދޮރެއް ކަމުގައިވެސް ހުކުމުގައިވެ އެވެ.
"...މި އަދަދަކީ ހަގީގަތުގައިވެސް ނުދެއްކިވާ ފައިސާއާ އަޅާކިޔާއިރު އިންސާފުވެރި އަދަދެއްތޯ ފަނޑިޔާރުން ބަލަންވާނެކަމާއި، މިފަދައިން އެއްބަސްވުންތަކުގައި ބޮޑެތި އިންސައްތައިން ޖޫރިމަނާ ކުރެވޭގޮތަށް ތަންފީޒުކުރެވޭނެހެން މާއްދާތައް ހިމަނައި އެ މާއްދާއާ އެއްގޮތަށް ގައިދުކުރުމެއްނެތި ބޮޑެތި އަދަދުތަކުން ޖޫރިމަނާ ނަގައިދޭކަމުގައި ވާނަމަ އެއީ އެކަމުގެ ނާޖާއިޒު ފައިދާ ނަގައިދިނުމަށް ހުޅުވާލެވޭ ދޮރެއްކަމުގައި އަހުރެންނަށް ގަބޫލުކުރެ ވެއެވެ،" މި މައްސަލައިގައި ފަނޑިޔާރު މުހައްމަދު ފައިސަލް އިއްވެވި ރައުޔުގައި ވެއެވެ. އެ ރައުޔަށް ބެންޗުގައި އިންނެވި ފަނޑިޔާރު ހުސައިން ޝަހީދު ތާއީދުކުރެއްވިއެވެ.
ޖޫރިމަނާގެ ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާ ނަގައިދިނުމަކީ އެންމެ އިންސާފުވެރި ގޮތް ކަމަށް ގަބޫލު ނުކުރާ ކަމަށާއި، އެ މައްސަލައިގައިވެސް ދައްކަން އެދިފައިވާ އަދަދަކީ އަސްލު ދައްކަން ޖެހޭ ފައިސާއަށް ވުރެ އިންތިހާއަށް ބޮޑު އަދަދެއް ކަމަށް ހުކުމުގައި ބުނެފައިވެ އެވެ. އަދި އެފަދަ ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭ ހާލަތުގައި ކޯޓުތަކުން އެ އަދަދު ކުޑަ ކުރަން ޖެހޭނެ ކަމަށް ހުކުމުގައިވެ އެވެ.
"..މިފަދަ ބޮޑެތި އަދަދުން ޖޫރިމަނާއަށް ދައަވާ ކުރެވޭ ހާލަތުގައި ކޯޓުތަކުން އެ އަދަދު ކުޑަކުރަންވާނެ އެވެ،"
ހުކުމުގައި ކަނޑައެޅީ، 889،318 ރުފިޔާގެ ޖޫރިމާނާ، އަސްލު މަސައްކަތުގެ އަގަށް ކުޑަ ކުރާށެވެ. އެހެންކަމުން ޖޫރިމާނާގެ ގޮތުގައި ޑްރީމްސް ހޯލްޑިންއިން ދައްކަން ޖެހޭ އަދަދު ވަނީ 150،732 ރުފިޔާއަށް ކުޑަވެފަ އެވެ.
ފަނޑިޔާރު ފައިސަލްގެ ރައުޔަށް ފަނޑިޔާރު ޝަހީދު ތާއީދުކުރައްވައި ހުކުމް ކުރެއްވި އިރު، މައްސަލަ ބެއްލެވި ބެންޗުގައި އިންނެވި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާގެ ރައުޔަކަށް ވީ ސިވިލް ކޯޓުން ނިންމި ގޮތް ބަދަލު ނުކުރުމަށެވެ.