01 Nov 2020, 11:53
ބީއެމްއެލްއިން ދޫކުރާ ޕާސަނަލް އަދި ހައުސިން ލޯންތަކުގެ އިންޓްރެސްޓް ރޭޓް ކުޑަކޮށްފި އެވެ.
ބީއެމްއެލްއިން ބުނީ މިއީ އެ ބޭންކުގެ ކަސްޓަމަރުންނަށް މާލީ ގޮތުން ލުޔެއް ހޯދައިދިނުމުގެ ގޮތުން ގެނައި ބަދަލުތަކެއް ކަމަށެވެ.
މިއަދު ގެނައި ބަދަލާއެކު ކުރިން 18 ޕަސެންޓުގެ އިންޓްރެސްޓެއްގައި ދޫކުރަމުން ދިޔަ ބީއެމްއެލް ލުއި އެކްސްޕްރެސް ލޯންގެ އިންޓްރެސްޓް ރޭޓް 15 ޕަސެންޓަށް ވަނީ ކުޑަކޮށްފަ އެވެ. ޝަރުތު ހަމަވާ ކަސްޓަމަރުންނަށް އެއްވެސް ރަހުނަކާ ނުލައި 300،000 ރުފިޔާއާ ހަމައަށް ލޯނު ލިބޭނެ އެވެ.
ގަވައިދުން މުސާރަ ނުލިބޭ ފަރާތްތަކަށް ދޫކުރަމުންދާ ލުއި މައިކްރޯ ލޯންގެ ރޭޓްވެސް މިވަނީ 12 ޕަސެންޓަށް ވަނީ ކުޑަކޮށްފަ އެވެ. ލުއި މައިކްރޯގެ އިންޓްރެސްޓް ރޭޓު ކުރިން ހުރީ 13 ޕަސެންޓުގަ އެވެ.
އާމްދަނީގެ ގޮތުގައި ކުލި ލިބޭ ގެދޮރުވެރިންނަށް އަމާޒުކޮށް ދޫކުރާ ބީއެމްއެލް ލައިފްސްޓައިލް ލޯނުވެސް ރަހުނަކާ ނުލައި 300،000 ރުފިޔާއާ ހަމައަށް މިހާރު 15 ޕަސެންޓުގެ އިންޓްރެސްޓް ރޭޓެއްގައި ލިބޭނެ އެވެ. އަދި 300،000 ރުފިޔާއިން ފެށިގެން 1.5 މިލިއަން ރުފިޔާއާ ހަމަޔަށް ލޯނު ބޭނުންވާ ފަރާތްތަކަށް ކުރިއެކޭ ވެސް އެއްފަދައިން ރަހުނަކާއެކު 12 ޕަސެންޓުގެ އިންޓްރެސްޓްގައި ބީއެމްއެލްއިން ލޯނު ދޫކުރަމުންދާނެ އެވެ.
ބީއެމްއެލްގެ ހައުސިން ލޯނުގެ އިންޓްރެސްޓް ރޭޓް 10 ޕަސެންޓަށް ވަނީ ކުޑަކޮށްފަ އެވެ. މިއީ ހައުސިން ލޯނަކަށް ރާއްޖޭގެ އެންމެ ކުޑަ އިންޓްރެސްޓް ރޭޓެވެ. މި ރޭޓްގައި ބޭންކުން ލޯނު ދޫކުރާނީ ހޯމް ޕާޗޭސް ލޯން (ގެދޮރު ގަތުމަށް ދޫކުރާ ލޯނު) އަދި ހޯމް ކޮންސްޓްރަކްޝަން ލޯނުގެ ތެރެއިން 50 ޕަސެންޓު އަމިއްލައަށް ހަރަދުކޮށްފައިވާ ޕްރެޖެކްޓްތަކަށް ދޫކުރާ ލޯނުތަކަށެވެ.
ވިޔަފާރީގެ އުސޫލުން ގެދޮރު އިމާރާތްކުރާ ފަރާތްތަކަށް ދޫކުރާ ރިއަލް އެސްޓޭޓް ލޯނުގެ އިންޓްރެސްޓް ވެސް ވަނީ 10.5 ޕަސެންޓާ ހަމައަށް ކުޑަކޮށްފަ އެވެ.
ބީއެމްއެލްއިން ދޫކުރާ ބައެއް ލޯނުތަކުގެ އިންޓްރެސްޓް ރޭޓަށް ގެނައި ހެޔޮ ބަދަލުތަކާ ގުޅޭ ގޮތުން އެ ބޭންކުގެ ޑިރެކްޓާ އޮފް ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިން މޫސާ ނިމާލް ވިދާޅުވީ ކަސްޓަމަރުން ކޮވިޑް19އާ ގުޅިގެން ދިމާވެފައިވާ ގޮންޖެހުންތަކާ ކުރިމަތިލަމުންދާއިރު އަލަށް ކަނޑައެޅި އިންޓްރެސްޓް ރޭޓްތަކުގެ ސަބަބުން ކަސްޓަމަރުންނަށް މާލީ އެހީތެރިކަން ހޯދުމަށް ލުއިފަސޭހަވެގެންދާނެ ކަމަށެވެ.
"މިއަދު އާންމުކުރެވުނު ބަދަލުތަކަށް ބަލާއިރު އަގުތައް 15 ޕަސެންޓް ކުޑަކުރެވި، ބޭންކުގެ ލޯނު ޕޯޓްފޯލިއޯއަށް މިވަނީ ހެޔޮ ބަދަލުތަކެއް ގެނެވިފައި... އަދި ބީއެމްއެލް އިސްލާމިކްގެ ޕޯޓްފޯލިއޯގެ ރޭޓްތައް ވެސް މިވަނީ އެއް ނިސްބަތަކުން ދަށްކުރެވިފައި." ނިމާލް ވިދާޅުވި އެވެ.
މީގެ އިތުރުން އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ބޭންކުން ދޫކުރާ ލޯނާއި ފައިނޭންސިންއަށް ވެސް ބަދަލުތަކެއް ގެންނަން ބީއެމްއެލްއިން ވަނީ ނިންމާފަ އެވެ. އެ ބަދަލުތައް ކުރިއަށް ހުރި ހަފްތާތަކުގައި ބޭންކުން ހާމަކުރާނެ އެވެ.