ބާސެލޯނާގެ ކޯޗުކަމާ ހަވާލުވުމަށް އެނބުރި އެކުލަބަށް ނުދާނެ ކަމަށާއި، ބާސެލޯނާގައި އެކަމަށް ހޭދަކުރެވުނު ވަގުތުތައް ނިމި ހިނގައްޖެ ކަމަށް ކުރިން އެ ޓީމަށް ކޯޗުކަންކޮށްދިން މިހާރުގެ މެންޗެސްޓާ ސިޓީ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ބާސެލޯނާގެ އެތެރޭގެ ކޯޅުން ބޮޑުވެ އެކުލަބުގެ ރައީސްއަކަށް ހުރި ޖޯސެޕް މާރިއާ ބާޓޮމެއުއާއި، ބާސެލޯނާގެ ބޯޑް އޮފް ޑިރެކްޓާސް އެއްފަހަރާ އިސްތިއުފާ ދީފައިވާ އިރު، ހުސްވެފައިވާ ރައީސްގެ މަގާމަށް ވާދަކުރަމުން އަންނަ ވިކްޓަރ ފޮންޓް ވަނީ އޭނާ އިންތިހާބު ވެއްޖެ ނަމަ ގާޑިއޯލާ އެނބުރި ކުލަބަށް ގެންނާނެ ކަމަށް ވައުދު ވެފަ އެވެ. އަންނަ މާރޗް މަހު އޮންނަ އިންތިހާބަށް ކުރި މި ވައުދާ އެކު ސަޕޯޓަރުންގެ ބޮޑު ތާއީދެއް ފޮންޓްއަށް ވަނީ މިހާރު ވެސް ލިބިފަ އެވެ.

އެހެން ނަމަވެސް ބާސެލޯނާގެ ކޯޗުކަމާ ހަވާލުވުމަށް އެނބުރި އެކުލަބަށް ދިއުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ.

"މެނޭޖަރެއްގެ ގޮތުގައި ބާސެލޯނާއަށް ކޮށްދޭނެ ހިދުމަތެއް އިތުރަށް އޮތްކަމަކަށް ނުފެނޭ،" ގާޑިއޯލާ ބުންޏެވެ. އަހަރެން، އަހަރެންނަށް ކުރެވުނު ވަރެއް ކޮށްދިނުމަށް ފަހު ވަކިވީ، މިހާރު އެހުރި ކޯޗު ރޮނާލްޑް ކޫމަން އަކީ ގާތް ރައްޓެއްސެއް،"

ގާޑިއޯލާ ބުނީ، ބާސެލޯނާގެ ކޯޗުކަން ދެން އިތުރަށް ކުރަން ބޭނުން ނުވާކަމަށާއި ކޫމަން އަކީ އެ މަގާމާއި ހަވާލުވެ ރަނގަޅު ނަތީޖާ ނެރެވޭ ފެންވަރުގެ ކޯޗެއް ކަމަށެވެ. އަދި ބާސެލޯނާއަށް އެނބުރި ދާނީ މެޗުތައް ބެލުމަށްކަމަށާއި، އެކަން ކުރަނީ އެކުލަބުގެ ސަޕޯޓަރެއްގެ ގޮތުގައި ހުރެ ކަމަށެވެ.

ގާޑިއޯލާގެ ބާސެލޯނާގައި ހޭދަކުރި ހަތަރު އަހަރަކީ އެކުލަބުގެ ތާރީހުގައި ވެސް އެންމެ ބޮޑެތި ކާމިޔާބުތައް ހޯދި ހަތަރު އަހަރެވެ. އެ ހަތަރު އަހަރުގެ ތެރޭގައި ދެފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި އިރު، ބާސެލޯނާއިން އެ މުއްދަތުގައި 16 ތަށި ވަނީ ހޯދައިފަ އެވެ.