އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް)އިން 50 ގޮނޑީގެ އިތުރު މަތިންދާބޯޓެއް ގެނެސްފި އެވެ. އެމެރިކާގެ އެއިރޯ ސެންޗަރީ ކޯޕަރޭޝަނާ ގުޅިގެން އައިއޭއެސް އިން މިއަދު ގެނައި ބޯޓަކީ ޑޭޝް އަށެއް 315 މަރުކާގެ ބޯޓެކެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އައިއޭއެސްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޒުހައިރު ވިދާޅުވީ މިއަދު ގެނައި އެބޯޓު ގެނައީ ހަ އަހަރު ދުވަހުގެ ލީސް އެގްރިމެންޓެއްގެ ދަށުން ކަމަށާއި ފެބްރުއަރީ މަހުން ފެށިގެން ބޯޓުގެ ދަތުރުތަށް ފަށާނެ ކަމަށެވެ.

އަދި ޑޮމެސްޓިކް އިތުރު އެއާޕޯޓުތައް ހެދި އޮޕަރޭޓް ކުރަން ފެށުމުން އެ ކުންފުނީގެ ދަތުރުތަކަށް ޑިމާންޑް ބޮޑުވާނެ ކަމަށާއި އެހެންކަމުން މި އަހަރުގެ މެދުތެރޭގައި އިތުރު ބޯޓެއް ގެނައުމަށް ވިސްނަމުން އަންނަ ކަމަށް ވެސް ޒުހައިރު ވިދާޅުވި އެވެ.
އައިއޭއެސް އިން ބުނީ މިއަދު ގެނައި އެ ބޯޓާއެކު ސާކް ސަމިޓާއި ދިމާކޮށް ޑެންމާކް ކުންފުންޏަކާއި ގުޅިގެން އައިއޭއެސް އިން ކުއްޔަށް ގެނައި އޭޓީއާރު 42- 500 ގެ ބޯޓު އަނބުރާ ފޮނުވާލަން ނިންމާފައިވާ ކަމަށެވެ.

އައިއޭއެސް އިން މިއަދު ގެނައި މަތިންދާ ބޯޓާއެކު އެ ކުންފުނީގައި ބޭނުންކުރާ ބޯޓުގެ އަދަދު ވަނީ ހަޔަކަށް އަރާފަ އެވެ.