01 Nov 2020, 10:02
ލަންޑަން (ނޮވެމްބަރު 1): ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން މި ހަފްތާ ތެރޭ އިނގިރޭސިވިލާތް ދެވަނަ ފަހަރަށް ފުރަބަންދު ކުރާނެ ކަމަށް އެގައުމުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވެއްޖެ އެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖޯންސަން ވިދާޅުވި ގޮތުގައި އިނގިރޭސިވިލާތް ދެވަަނަ ފަހަރަށް ފުރަބަންދު ކުރަން ހަމަޖެހިފައި ވަނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ހަތަރު ހަފްތާ ވަންދެނެވެ. އަދި އެއަށް ފަހު އެކި މަރުހަލާތަކަށް ބަހާލައިގެން ފިޔަވަޅުތައް ލުއި ކުރަމުން ގެންދާނެ އެވެ. އެހެންކަމުން މި އަހަރު އެގައުމުގައި ކްރިސްމަސް ޗުއްޓީ ތަފާތު ވެދާނެކަން ބޮޑުވަޒީރު ފާހަގަ ކުރެއްވި އެވެ.
"މި އަހަރު ކްރިސްމަސް ތަފާތު ވާނެ، ނަމަވެސް އަޅުގަނޑު އުއްމީދު ކުރަނީ އަދި ގަބޫލު ކުރަނީ މިހާރު ހަރުކަށި ފިޔަވަޅު އެޅުމުން ދެން އާއިލާތަކަށް އެއްތަން ވުމަށް ފުރުސަތު ދެވޭނެ ކަމަށް،" ޖޯންސަން ވިދާޅުވި އެވެ.
އިނގިރޭސިވިލާތުގެ އާ ފުރަބަންދާ އެކު މީހުންނަށް ބޭރަށް ދެވޭނީ އެއް ގެއެއްގައި ދިރިއުޅޭ މީހަކާ އެއްކޮށް ނުވަތަ އެހެން ގެއެއްގައި ދިރިއުޅޭ އެންމެ މީހަކާ އެއްކޮށެވެ. އަދި ބޭރަށް ދެވޭނީ މަސައްކަތަށް ނުވަތަ ކާބޯތަކެތި ގަތުމަށް ނުވަތަ ސިއްހީ ސަބަބުތަކާ ހެދި ނުވަތަ ކަސްރަތު ކުރުމަށެވެ.
މީގެ އިތުރުން ރެސްޓޯރެންޓުތަކާއި އަސާސީ ނޫން ވިޔަފާރިތައް ބަންދު ކުރި ނަމަވެސް ސްކޫލްތަކާއި ޔުނިވާސިޓީތައް ހުންނާނީ ހުޅުވާފަ އެވެ.
އިނގިރޭސިވިލާތުގައި ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު އެއް މިލިއަނަށް އަރާފައިވާ އިރު އެގައުމުގެ ސަރުކާރުން ވަނީ ޒަރޫރީ ސަބަބުތަކަށް ފިޔަވާ މީހުން ދަތުރުފަތުރު ނުކުރުމަށް އެދިފަ އެވެ. ނަމަވެސް ކަރަންޓީނުގެ ގަވާއިދުތަކަށް އަމަލު ކުރާ ގޮތަށް، ވަޒީފާގެ މަސްއޫލިއްޔަތުތަކާ ގުޅިގެން ދަތުރު ކުރުން ވަނީ ހުއްދަކޮށްފަ އެވެ.
އިނގިރޭސިވިލާތުގައި މިހާތަނަށް 1،011،660 މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި 46،555 މީހަކު ވަނީ މަރުވެފަ އެވެ.
އިނގިރޭސިވިލާތުގެ އިތުރުން ޔޫރަޕްގެ އެހެން ގައުމުތަކުގައި ވެސް ކޮރޯނާވައިރަހުގެ ކޭސްތައް ދަނީ އިތުރު ވަމުންނެވެ. އަދި މިދިޔަ ހަފްތާގައި އެކަނި ވެސް އެ ސަރަހައްދުން 1.5 މިލިއަން މީހަކަށް ބަލި ޖެހިފައިވާ އިރު ޔޫރަޕުން މިހާތަނަށް ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 10 މިލިއަނަށް ވުރެ އިތުރުވެފަ އެވެ.
މީގެ އިތުރުން، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ޔޫރަޕަށް ކަނޑައަޅާފައި ހުންނަ ޑިރެކްޓަރު ވިދާޅުވި ގޮތުގައި ޔޫރަޕް އަނެއްކާ ވެސް ވަނީ ބަލިމަޑުކަމުގެ "އެޕިސެންޓާ"އަށް ވެފަ އެވެ. އަދި އެ ސަރަހައްދުގައި ބަލީގެ ސަބަބުން މަރުވާ މީހުންގެ އަދަދު މިދިޔަ ހަފްތާ ތެރޭ ވަނީ 31 ޕަސެންޓު އިތުރުވެފަ އެވެ.
އޭގެ ސަބަބުން މިދިޔަ ހުކުރު ދުވަހު ފްރާންސް ދެވަނަ ފަހަރަށް ފުރަބަންދުކޮށްފައިވާ އިރު ބެލްޖިއަމް އާއި ޖަރުމަނުން މާދަމާއިން ފެށިގެން ފުރަބަންދުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅާނެ އެވެ.