މި މަހު އޮންނަ އިންޓަނޭޝަނަލް މޯލްޑިވްސް ޓްރެވަލް މާކެޓް (އައިއެމްޓީއެމް)އާ ދިމާކޮށް ތިމާވެއްޓާ ރައްޓެހި މާކެޓިން ކެމްޕޭނެއް ފަށައިފި އެވެ.

އައިއެމްޓީއެމްގެ މާކެޓިން ޕާޓްނަރު، އެމްއައިޑީ މާކެޓިންއާ ގުޅިގެން ފެށި "ރީޔޫސް، ރިކަނެކްޓް، ރިވައިވް އެންޑް ގްރޯ" ކެމްޕޭނުގެ ދަށުން އެ ފެއާ އިސްތިހާރު ކުރުމުގައި ބޭނުންކުރާނީ މިދިޔަ އަހަރު ބޭނުންކުރި ޕޯސްޓަރުތަކެވެ.

މިއީ ހަރަދުކުޑަވާނެ ކަމެއްގެ އިތުރުން އައު ޕޯސްޓަރުތައް ތައްޔާރުކުރުމުގައި ޖައްވަށް ދޫކުރާ ގޭހާއި އުކާލެވޭ ކުނި މަދުކުރެވޭނެ ކަމެއް ކަމަށް ވެސް އައިއެމްޓީއެމްއިން ބުނެ އެވެ.

ދަތުރުފަތުރުކުރުމުގެ ދާއިރާއަށް ހީނަރުކަމާއެކު ކުންފުނިތަކުގެ އާމްދަނީ ދަށްވުމުގެ ސަބަބުން މާކެޓިންއަށް ކުރާ ހޭދަ މަދުކުރަމުންދާ ކަމަށް އައިއެމްޓީއެމްއިން ފާހަގަކުރެ އެވެ.

ހާއްސަކޮށް އިވެންޓުތަކާ ގުޅިގެން ތައްޔާރުކުރާ ޕޯސްޓަރުފަދަ ތަކެއްޗަށް ކުރާ ހަރަދު މަދުކޮށްފައިވާއިރު، މިހާރު މާކެޓިން ހަރަކާތްތައް ބައްޓަންކުރަނީ ޓެކްނޮލޮޖީގެ އެހީގައި ކަމަށް އައިއެމްޓީއެމްއިން ބުނެ އެވެ.

އަކީ ޓޫރިޒަމް ދާއިރާގެ އެކި ފަރާތްތައް އެއް ޕްލެޓްފޯމަކަށް ގެނެސްދޭ ބީޓޫބީ ފެއާ އެކެވެ. އެގޮތުން ދާއިރާގެ ލީޑިން ޓުއާ އޮޕަރޭޓަރުންނާއި ޓްރެވެލް އެޖެންސީތައް އަދި ޑެސްޓިނޭޝަން މެނޭޖުމެންޓް ކުންފުނިތަކުން ވެސް އައިއެމްޓީއެމް ފެއާގައި ބައިވެރިވެ ރާއްޖޭގެ ރިސޯޓުތަކާއި ލިބަބޯޑްސް އަދި ގެސްޓްހައުސްތަކުގެ މައުލޫމާތު ހޯދޭނެ އިންތިޒާމު ހަމަޖެހޭނެ އެވެ.

މި ފެއާ 2017 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް އަންނަނީ ބާއްވަމުންނެވެ. މިއަހަރުގެ ފެއާ އޮންނާނީ މި މަހުގެ 16 އަދި 17ވަނަ ދުވަހުގަ އެވެ.