01 Nov 2020, 09:30
ދ. އަތޮޅު ކަޑިންމަ މޯލްޑިވްސް ރިސޯޓުން 17 މީހަކު ޕޮޒިޓިވްވެއްޖެ އެވެ.
މިއީ ބޯޑަރު ހުޅުވާލި ފަހުން ރާއްޖޭގެ ރިސޯޓަކުން މިހާ ގިނަ އަދަދެއްގެ ބައެއް ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.
އެޗްޕީއޭ އިން މިއަދު ބުނީ، އެ ރިސޯޓުން ނެގި 20 ސާމްޕަލްގެ ތެރެއިން 17 ސާޕްޕަލް އެއް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
އެ ރިސޯޓުން ސާމްޕަލް ނަގަން ފެށީ މިދިޔަ ހުކުރުު ދުވަހު އެ ރިސޯޓުން ޕޮޒިޓިވް ކޭސްއެއް ފެނުމާ ގުޅިގެންނެވެ. އެއީ ކޮވިޑް19 ޖެހިފައިވާ މީހަކު ހާލު ދެރަވެގެން ދ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް މިދިޔަ ހުކުރު ދުވަހު މަރުވުމާ ގުޅިގެންނެވެ. އެމިހާއަކީ ކޮވިޑް ބަލި މީހެއްކަން އެނގުނީ އޭނާ މަރުވި ފަހުން އިއްޔެ އެވެ. އެއާއެކު އިއްޔެ ހަވީރުން ފެށިގެން ރިސޯޓަށް މީހުން އަރާ ފޭބުން އޮތީ މަނާކޮށްފަ އެވެ.
އެޗްޕީއޭއިން ބުނީ ޕޮޒިޓިވްވި 17 މީހުންގެ ތެރެއިން ހައިރިސްކް މީހުން މިހާރު ފެސިލިޓީއަކަށް ގެންދިޔުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ކޮންޓެކްޓް ޓްރޭސިންއާއި އިތުރު ސާމްޕަލް ނެގުމުގެ މަސައްކަތް ވެސް ކުރަމުންދާ އެޗްޕީއޭ އިން ބުންޏެވެ.
ދ. އަތޮޅު ހޮސްޕިޓަލުގެ ޓީމެއް މިހާރު އެ ރިސޯޓުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.
"އެ ރިސޯޓުގައި ތިބި ފަތުރުވެރިންގެ ތެރެއިން ފުރަން ތިބި ފަތުރު ވެރިންނަށް ފުރައިގެންދެވޭނީ ކޮންޓެކްޓަކަށް ނުވާނަމަ ޕީސީއާރު ޓެސްޓް ހެދުމަށް ފަހު ނެގެޓިވް ވުމުން،" އެޗްޕީއޭ އިން ބުންޏެވެ.
އިއްޔެ ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީީ 16 މީހެކެވެ. އެއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި ޖުމްލަ މީހުންގެ އަދަދަކީ، 11،659 އެވެ. މިހާތަނަށް 38 މީހަކު ބަލީގައި މަރުވި އިރު، 10،814 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ. ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދަކީ، 800 އެވެ.