01 Nov 2020, 08:02
ޑޮޑޯމާ (ނޮވެމްބަރު 1): ޓެންޒޭނިއާގައި މިދިޔަ ބުދަ ދުވަހު ބޭއްވި އާއްމު އިންތިހާބު ކާމިޔާބު ކުރައްވާ ރައީސް ޖޯން މަގުފޫލީ ވެރިކަމުގެ ދެވަނަ ދައުރެއް ހޯއްދަވައިފި އެވެ.
ޓެންޒޭނިއާގެ އިލެކްޓޯރަލް ކޮމިޝަނުން ބުނި ގޮތުގައި ރައީސް ހޮވުމަށް ބޭއްވި އިންތިހާބުގައި މަގުފޫލީއަށް 12.5 މިލިއަން ވޯޓު ލިބުނު އިރު އޭނާއާ އެންމެ ގާތުން ވާދަ ކުރެއްވި އިދިކޮޅު ކެންޑިޑޭޓު ތުންޑޫ ލިސޫއަށް ލިބުނީ 1.9 މިލިއަން ވޯޓެވެ. އަދި އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ 29 މިލިއަން މީހުންގެ ތެރެއިން ގާތްގަނޑަކަށް 50 ޕަސެންޓު މީހުން ވޯޓު ދިނެވެ.
އެ އިންތިހާބުގައި ގައުމުގެ ޕާލިމެންޓަށްވެސް މެމްބަރުން ހޮވާފައިވާ އިރު އެ ޕާލިމެންޓުގެ 261 ގޮނޑީގެ ތެރެއިން 253 ގޮނޑި ކާމިޔާބު ކުރީ ވެރިކަން ކުރާ ސީސީއެމް ޕާޓީ އިންނެވެ. އެހެންކަމުން އެގައުމުގެ ގާނޫނު އަސާސީއަށް ބަދަލު ގެނައުމުގެ ބާރު ވެރިކަން ކުރާ ޕާޓީއަށް ލިބިފައިވާ އިރު، އެ ޕާޓީގެ ބައެއް މެމްބަރުން ވަނީ ރައީސަށް އިތުރު ދައުރެއް ދިނުން ހުއްދަ ކުރަން ގޮވާލާފަ އެވެ.
އެ އިންތިހާބަށް ފަހު އިދިކޮޅު ފަރާތްތަކުން ވަނީ ވޯޓު އޮޅުވާލި ކަމުގެ ތުހުމަތުކޮށް، ސުލްހަވެރި އެއްވުންތައް ބޭއްވުމަށް ގޮވާލާފަ އެވެ. އެގޮތުން އިންތިހާބު ބޭއްވި ދުވަހު ވޯޓު މަރުކަޒުތަކުން އެތައް ހާސް އޮބްޒާވަރުން ފޮނުވާލި ކަމަށާއި އިންތިހާބުގެ ކުރީ ދުވަހު ޒަންޒިބާރުގައި 12 މީހަކު މެރި ކަމަށް ބުނެފަ އެވެ. ޒަންޒިބާރަކީ އަމިއްލަ ވެރިކަމެއްގެ ބައެއް ބާރުތައް ލިބިފައިވާ އެގައުމުގެ ސަރަހައްދެކެވެ.
މީގެ އިތުރުން އެމެރިކާއިން ވެސް ވަނީ ޓެންޒޭނިއަގެ އިންތިހާބުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހިނގާފައިވާ ކަމަށާއި ވޯޓުގެ ތަފާތު ބޮޑު ކަމުން ނަތީޖާއާ މެދު ޝައްކު އުފެދޭ ކަމަށް ބުނެފަ އެވެ.
ޓެންޒޭނިއާގެ އިގުތިސާދަކީ މިހާރު އެފްރިކާގެ އެންމެ އަވަހަށް ކުރި އަރަމުން އަންނަ އެއް އިގްތިސާދެވެ. ނަމަވެސް މަގުފޫލީގެ ވެރިކަމުގައި އެގައުމުގެ ޑިމޮކްރެސީގެ ހާލަތު ގޯސްވެފައިވާ ކަމަށާއި އޭނާ ދަނީ އިދިކޮޅު ފަރާތްތަކުގެ އަޑު ކަނޑުވާލަން މަސައްކަތް ކުރަމުން ކަމަށް އޮބްޒާވަރުން ބުންޏެވެ. އެގޮތުން 2015 ވަނަ އަހަރު އޭނާ ވެރިކަމަށް ވަޑައިގެންނެވި ފަހުން އިދިކޮޅު ފަރާތްތަކުން ސިޔާސީ އެއްވުންތައް ބޭއްވުން މަނާކޮށް، މީޑިއާތަކަށް ވަނީ ހުރަސް އަޅާފަ އެވެ. އަދި ބުދަ ދުވަހު ބޭއްވި އިންތިހާބުގެ ކުރިން ބައެއް އިދިކޮޅު ކެންޑިޑޭޓުން ހައްޔަރުކޮށް، ކެމްޕޭން ކުރުން ހުއްޓުވާ، އިންތިހާބުގައި ވާދަ ކުރުން ހުއްޓުވާފައިވެ އެވެ.