ސާކްގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމުން ދިޔާނާ ސައީދު އިސްތިއުފާ ދެއްވައިފި އެވެ.

އިސްތިއުފާގެ ސިޓީ ހުށަހެޅުމުގެ ކުރިން ސަން އަށް މިއަދު ދެއްވި އިންޓަވިއު އެއްގައި ދިޔާނާ ވިދާޅުވެފައި ވަނީ މިހާރު ކަންތައްތައް ގޮސްފައިވާ ހިސާބަށް ބަލާއިރު އިތުރަށް މަގާމުގައި ގަދަކަމުން ދެމިހުރުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ދެކެވަޑައިނުގަންނަވާ ކަމަށެވެ.

" ދިޔާނާ ސާކާ ހިލާފުވެއްޖެއޭ. ދިޔާނާ އެޕޮއިންޓް ކުރި ފަރާތްތައް ވަފާތެރިއެއް ނުވިޔޭ. ދިޔާނާ އިދިކޮޅު ފަރާތްތަކާ އެއްކޮށޭ ފެނުނީ. މިގޮތަށް ޕްރެސް ސެކެރެޓަރީ ނުކުންނަވާ ވިދާޅުވުމުން މިކަހަލަ މާހައުލެއްގައި އެކުގައި މަސައްކަތް ކުރުމަށް ދަތިވާނެ،" ދިޔާނާ ވިދާޅުވި އެވެ.

އިސްތިއުފާ ދެއްވަން ނިންމެވީ ސަރުކާރުން ފިއްތުންތަކެއް ކުރިމަތިކުރައްވައިގެންތޯ ސަންއޮންލައިނުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ދިޔާނާ ވިދާޅުވެފައި ވަނީ ސަރުކާރުން ސީދާ އެކަމަނާއަށް ގުޅާފައި އިސްތިއުފާ ދެއްވުމަށް އެދިފައިނުވާ ކަމަށެވެ.

މިސަރުކާރުގެ ފުރަތަމަ ބަންޑާރަ ނައިބުކަން ވެސް ކުރައްވާފައިވާ ދިޔާނާ ވިދާޅުވީ ރާއްޖޭގައި މިހާރު ދިމާވެގެން އުޅޭ މައްސަލަތައް އޭނާ ދެކެވަޑައިގަތީ ސިޔާސީ ކުލަވަރަކުން ނޫން ކަމަށާއި އޭނާ އެމައްސަލަ ދެކެވަޑައިގަތީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ކަމަށެވެ. އަދި ވިދާޅުވީ އެކަމަނާގެ ސާކްގެ ސެކެރެޓަރީ ޖެނެރަލް ކަމުގެ މަގާމުން އިސްތިއުފާ ދިނުމަށް ސަރުކާރުން ޕްރެޝާކޮށްފާނެކަން ކުރިން ވެސް ވިސްނިވަޑައިގެންނެވި ކަމަށާއި ނަމަވެސް ހައްގަށް ބަސް ވިދާޅުވީ އެގޮތް ވެސް ވަރިހަމަވެގެން ކަމަށެވެ.

" މަގާމުން އިސްތިއުފާދިނުމުގެ ޕުރެޝަރު އަތުވެދާނެ ކަމުގެ ހިޔާލު ވެސް ހުރި. ނަމަވެސް ހައްގާއި ބާތިލް އޮޅިގެންދާއިރު ހައްގަށް ބަސް ނުބުނެވޭ މަގާމެއްގައި ހުރުން އެއީ އަޅުގަނޑު އެއްވެސް އިރެއްގައި ގަބޫލުކުރާ ކަމެއް ނޫން،" ދިޔާނާ ވިދާޅުވި އެވެ.

ލިޔުމާ ގުޅޭ އޯޑިއޯ: އިސްތިއުފާގެ ސިޓީ ހުށަހެޅުއްވުމުގެ ކުރިން ދިޔާނާ މިއަދު ސަންއޮންލައިނަށް ދެއްވާފައިވާ އިންޓަވިއު.