01 Nov 2020, 07:58
އިންޑިއާއިން އިސްތިއުމާރުކޮށްފައިވާ ޖައްމޫ އެންޑް ކަޝްމީރުން އިންޑިއާގެ ކޮންމެ ރައްޔިތަކަށްވެސް ބިންގަނެވޭ ގޮތަށް ގާނޫނު ބަދަލުކުރުމުން އެކަމާ ދެކޮޅު ހެދުމުގެ ގޮތުން ކަޝްމީރުގެ ގިނަ ވިޔަފާރިތަކާއި ފިހާރަތައް ބަންދުކޮށް މުޒާހަރާއަށް ތައްޔާރުވާން ފަށައިފި އެވެ.
އެ މުޒާހަރާތަަކާ ދެކޮޅަށް ކަޝްމީރުގައި މިހާރުވަނި ރަޔަޓްގައި ސިފައިންވެސް ނިކުމެފަ އެވެ.
އިންޑިއާއިން އަލަށް ފާސްކުރި ގާނޫނާ ދެކޮޅަށް، އިންޑިއާއަށް ތާއިދުކުރާ ކަޝްމީރުގެ ސިޔާސީ ފަރާތްތަކުންވެސް ވަނީ ފާޑުކިޔައިފަ އެވެ. އަދި ކަޝްމީރު މިނިވަންކުރަން މަސައްކަތްކުރާ ފަރާތްތަކުންވެސް ވަނީ މުޒާހަރާތައް ކުރުމަށް ގޮވާލައިފަ އެވެ.
އަލަށް ހެދި ގާނޫނާއެކު ކަޝްމީރުގައި ބިން ނެތް ދަނޑުވެރިންނަށް ބިން ދޫކުރުން ކުރިން އޮންނަ އޮތުންވެސް ވަނީ ނިމުމަކަށް އައިސްފަ އެވެ.
ކަޝްމީރުގައި މިދިޔަ އަހަރާ ހަމައަށް ކަޝްމީރު ނޫން ރައްޔިތުންނަށް އެ ސަރަހައްދުން ބިން ނުގަނެވެ އެވެ. ނަމަވެސް މިދިޔަ އަހަރު އޮގަސްޓް މަހު ވަނީ ކަޝްމީރަށް ކުރިން ދީފައި އޮންނަ އޮޓޯނަމީ އުވާލައި ސީދާ މައި ސަރުކާރުގެ ދަށަށް ގެނެސް، ލަަދަކް ވަކި ސްޓޭޓަކަށް ހަދައި ކަޝްމީރު ދެބައިކޮށްފަ އެވެ.
އިންޑިއާއިން ބުނާގޮތުގައި އެ ބަދަލުތައް ގެނައީ ކަޝްމީރަށް ސުލްހަ ގެނައުމަށެވެ. ނަމަވެސް ކަޝްމީރުގެ ރައްޔިތުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކުން ބުނާގޮތުގައި އެ ބަދަލާއެކު ކަޝްމީރުގެ ރައްޔިތުންނަކީ ފަަލަސްތީނުގެ ރައްޔިތުންހެން އަމިއްލަ ބިމުގައި މައިނޯރިޓީއަކަށް ވެގެންދާނެ އެވެ.--އޭޕީ--