އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ފިނޭންސް މިނިސްޓްރީއިން މިއަދު ބުނީ 2021 ވަނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށެވެ.

ނަމަވެސް ހުށަހެޅި ބަޖެޓުގެ ތަފްސީލުތަކެއް ފިނޭންސުން ނުދެ އެވެ. އެ މިނިސްޓްރީއިން ބުނީ އެ މައުލޫމާތުތައް، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަޖިލީހުގައި ބަޖެޓު ސްޓޭޓްމަންޓު ދެއްވާ އިރު ހާމަ ކުރައްވާނެ ކަމަށެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް، އަހުމަދު ސަރުވަޝް އާދަމް މިދިޔަ އާދީއްތަ ދުވަހު ވިދާޅުވެފައި ވަނީ އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާނީ ގާތްގަނޑަކަށް 35 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށެވެ.

ގާނޫނުގައި ބުނާ ގޮތުން ކުރިއަށް އޮންނަ އަހަރަކަށް ލަފާކުރާ ބަޖެޓު ކޮންމެ އަހަރެއްގެ ވެސް އޮކްޓޫބަރު 31 ވަނަ ދުވަހުގެ ކުރިން މަޖިލީހަށް ހުށަހަޅަން ޖެހޭނެ އެވެ.

މި ހިނގާ 2020 ވަނަ އަހަރަށް މަޖިލީހުން ފާސްކުރީ 37.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެހެން ނަމަވެސް ކޮވިޑް-19އާ ގުޅިގެން ދައުލަތުގެ އާމްދަނީއަށް ބޮޑު ހީނަރުކަމެއް އައުމާއެކު މިއަހަރަށް ފާސްކުރި ބަޖެޓު ރިވައިސްކުރުމަށްފަހު އަލުން ހުށަހަޅަން ވަނީ ނިންމާފަ އެވެ.