31 Oct 2020, 20:16
މިދިޔަ ހުކުރު ދުވަހު އައިޖީއެމްއެޗް ކައިރި މޫދުން މަރުވެފައި އޮއްވާ ފެނުނު ގދ. ވާދޫ، ރިމެމްބާކަދަވާޑް، މުހައްމަދު ސިދުރަތުﷲގެ ޕޯސްޓްމޯޓަމް ހެދުމަށް އޭނާގެ ހަށިގަނޑު އިންޑިއާއަށް ފޮނުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
އުމުރުން 31 އަހަރުގެ ސިދުރަތުﷲގެ މަރަކީ ގުދުރަތީ މަރެއްކަމަށް ކަށަވަރު ނުވާތީ ފުލުހުން ވަނީ އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފަ އެވެ. ޕޯސްޓްްމޯޓަމް ހެދުމަށް އޭނާގެ ހަށިގަނޑު ބޭރަށް ފޮނުވުމުގެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މީގެ ކުރިން ފުލުހުން ވަނީ ބުނެފަ އެވެ.
ސިދުރަތުﷲގެ ހަށިގަނޑު ފޮނުވަން ހަމަޖެހިފައި ވަނީ އިންޑިއާއަށެވެ. ފުލުހުން މިއަދު ބުނީ އޭނާގެ ހަށިގަނޑު ފޮނުވުމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ލަސްވަމުންދަނީ ރާއްޖެއިން ބޭރަށް ފޮނުވަން ކުރަން ޖެހޭ ކަންކަން ކުރުމުގައި ދަތިތަކެއް ހުރުމުން ކަމަށް ފުލުހުން ބުންޏެވެ. އެގޮތުން، ކޮވިޑް-19އާ ހެދިވެސް ދަތިތަކެއް ވާ ކަމަށް ފުލުހުން ބުންޏެވެ.
އެހެންނަމަވެސް، އޭނާގެ ހަށިގަނޑު މި ފެށޭ ހަފްތާގެ ތެރޭގައި ފޮނުވާލެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ވަނީ ތަހުގީގަށް އާންމުގެ އެހީއަށް، އެދި ސިދުރަތުﷲ އެންމެފަހުން ފެންނަ ސީސީޓިވީ ވީޑިއޯ ފޫޓެޖުވެސް އާްންމުކޮށްފަ އެވެ. ވީޑިއޯގައި ފެންނަނީ ސިދުރަތުﷲ ހިނގާފައި ބުލޫކިޔާމަގުން ނުކުމެގެން ގޮސް، ތާޖުއްދީން ހިނގުމުން ރަސްފަންނާ ދިމާލަށް ދާތަނެވެ.
ސިދުރަތުﷲ އެންމެ ފަހުން ދިރިހުއްޓާ ފެނުނީ މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު 9:00 އާއި 10:00 ދެމެދު އެވެ. އެއީ އޭނާ މަރުވެފައި އޮއްވާ ފެނުމުގެ އެއް ދުވަސް ކުރި އެވެ.
އޭނާ މަރުވެފައި އޮއްވާ ފެނުނު އިރު، ވާތު ލޮލާއި ފައިގެ ކުޑަ އިނގިލިން ބައެއް ނެތެވެ. މުޅި ގައިގެ އެކިތަންތަން ނޫފައިގެންފައި ހުރި އިރު، ނޭފަތް މަތިވެސް ހުރީ ވަރަށް ބޮޑަށް ޒަހަމްވެފަ އެވެ.