ބޭންކް އޮފް ސިލޯން (ބީއޯސީ) ކުރިމަތިން ރޫޓު ފިހާރައިގެ ފައިސާ ފޭރެން އުޅުނު މީހުން ހުއްޓުވި ސެކިއުރިޓީ ގާޑުގެ އަގުވަޒަންކޮށް، އޭނާއަށް ރޫޓު ފިހާރައިން 50،000 ރުފިޔާ ހަދިޔާކޮށްފި އެވެ.

މިދިޔަ އާދީއްތަ ދުވަހު ހެނދުނު ރޫޓު ފިހާރައިގެ 4.2 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވޭނެއްގައި ބީއޯސީއަށް ގެންދަނިކޮށް، ހެލްމެޓު އަޅައިގެން ދެ ސައިކަލެއްގައި އައި ހަތަރު މީހަކު ވަނީ ބީއޯސީ ކުރިމަތިން އެ ފައިސާ ފޭރެން މަސައްކަތް ކޮށްފަ އެވެ. އެކަން ހުއްޓުވީ ވޭނުގައި ތިބި ރޫޓު ފިހާރައިގެ މުވައްޒަފުންނާއި ބީއޯސީ ކުރިމަތީގައި ހުރި ސެކިއުރިޓީ ގާޑެކެވެ.

މިއަދު ރޫޓު ފިހާރައިގައި ބޭއްވި ރަސްމިއްޔާތެއްގައި ބީއޯސީ ކުރިމަތީގައި ހުރި ސެކިއުރިޓާ ގާޑު، "އެބްސޮލޫޓް ސެކިއުރިޓީ އެންޑް އެޑްވާންސް ޕްރޮޓެކްޝަން" ކުންފުނީގެ މުވައްޒަފު މުހައްމަދު ހަސަން މަނިކު އަގުވަޒަންކޮށް އޭނާއަށް ވަނީ ހަނދާނީ ފިލައެއް ދީފަ އެވެ. އަދި އޭނާއަށް 50،000 ރުފިޔާގެ އިނާމެއް ދީފައިވެ އެވެ.

އޭނާގެ އިތުރުން ފޭރުން ހުއްޓުވަން މަސައްކަތް ކުރި ރޫޓު ފިހާރައިގެން ތިން މުވައްޒަފެއްގެ އަގުވެސް ވަޒަން ކުރި އެވެ. އެއިން ކޮންމެ މީހަކަށް 10،000 ރުފިޔާ ދިނެވެ.

ރޫޓުގެެ އެމްޑީ އަބްދުﷲ ރާފިއު "ސަން"އަށް ވިދާޅުވި ގޮތުގައި އޭނާ އެކަން ކުރެއްވީ، ފޭރުން ފަދަ ކަންކަން ހިނގާއިރު އެކަންކަމާ ކުރިމަތިލައި، އެކަންކަން ހުއްޓުވަން މަގުމަތީގައި ތިބޭ އާންމުންނަށް ހިތްވަރެއް ދިނުމުގެ ގޮތުންނެވެ.

އެ ފޭރުމުގެ މައްސަލައާ ގުޅިގެން މިހާތަނަށް ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެ ހަތަރު މީހުންނަކީ ވ. ޕިންކްވިލާ، އަހުމަދު އަމީރު (20އ) އާއި ގއ. ވިލިނގިލި/ކަނީރުމާގެ، މުހައްމަދު މުސްއަބު ޒުބައިރު (23އ) އާއި ދަފްތަރު ނަންބަރު 3678، ހުސައިން އަބްދުލް މަޖީދު (22އ) އާއި ލ. ގަން، ތުނޑި. ކީމިޔާގެ، އަބްދުﷲ ރާޝިދު (27އ) އެވެ.

ފޭރެން މަސައްކަތް ކުރާ މަންޒަރު ފެންނަ ވީޑިއޯ މީގެ ކުރިން ވަނީ އާންމުވެފަ އެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ފައިސާ ފޮށި ގެނައީ ވޭނަކަށް އަރުވެގެންނެވެ. އަދި ވޭން ކައިރި ކުރުމާއެކު ސައިކަލުތަކުގައި އައި މީހުން ވޭނުގައި އައި މީހުންނަށް ހަމަލާ ދީ، ފައިސާ ފޮށިގަނޑު ފޭރެން މަސައްކަތް ކުރި އެވެ.

ފައިސާ ފޮށި ނެގީ ވޭން ތެރޭ އިން އަންހެނަކު އެ ވޭނުން ނެރުމަށްފަހު އެވެ. ރޫޓު ކުންފުނީގެ އެ މުވައްޒަފު، ފޭރެން އުޅުނު މީހުން ގަޔަަށް ބޮޑީ ސްޕްރޭ ޖެހި އެވެ. ފޮށިގަނޑު ނަގައިގެން ގެންދަން އުޅެނިކޮށް، ބޭންކް އޮފް ސިލޯން އިމާރާތުން ނުކުތް ސެކިއުރިޓީ ގާޑު، ފޭރޭ މީހުންގެ އަތުން ފޮށިގަނޑު އަތުލައި އޭގައި ބައްދައިގަތެވެ. އެއާއެކު ފޭރެން އުޅުނު މީހުން ފޮށި ދޫކޮށްލައި ދުއްވައިގަތީ އެވެ.