01 Nov 2020, 08:00
ބޮލީވުޑްގެ އެކްޓަރު އަކްޝޭ ކުމާރު އާއި ކިއާރާ އަދުވާނީ ލީޑު ރޯލުން ފެނިގެންދާ ފިލްމު "ލަކްޝީ ބޮމް"ގެ ނަން ބަދަލުކޮށްފި އެވެ.
އެ ފިލްމުގެ ނަމާމެދު ހިތްހަމަނުޖެހިގެން އިންޑިއާގެ ބައެއް ރައްޔިތުން މުޒާހަރާކޮށް އެ މައްސަލަ ކޯޓަށް ވެއްދުމާ ގުޅިގެން އެ ފިލްމުގެ ނަން މިހާރު މިވަނީ "ލަކްޝްމީ" އަށް ބަދަލުކޮށްފަ އެވެ. ހިންދޫ މީހުން އެ ނަމާމެދު ހިތްހަމަނުޖެހޭތީ މަގުމަތީ މުޒާހަރާކުރަމުން ދިޔައިރު އެ މީހުން ބުނަނީ އެ ނަމަކީ އެ މީހުން އަޅުކަން ކުރާ ބުދަށް މަލާމާތް ރައްދުވާގޮތަށް ދީފައިވާ ނަމެއް ކަމަށެވެ.
ފިލްމުގެ ޓްރެއިލާ ރިލީޒްކުރީއްސުރެ މި ފިލްމު ބޮއިކޮޮޓް ކުރަމުންދިޔައިރު ފިލްމަށް އެކި ގޮތްގޮތުން ފިއްތުންތައް ކުރިމަތި ކުރުމުގެ ސަބަބުން ފިލްމުގައި ބޮމް ގެ ނަން ކަނޑާލުމަށްފަހު ލަކްޝްމީ ގެ ނަން ދިނީ އެވެ.
މި މަހު ނުވަވަނަ ދުވަހު ޑިޒްނީ ޕްލަސް ހޮޓްސްޓާގައި ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވާއިރު މިި ފިލްމަކީ އަކްޝޭ އާއި ކިއާރާ އެކުގައި ފެނިގެންދާ ތިން ވަނަ ފިލްމެވެ.
ރަގަވާ ލޯރެންސް ޑައިރެކްޓްކޮށް ގެނެސްދޭ ލަކްޝްމީ އިން ފެނިގެންދާނީ އަންހެން ޖިންނިއެއް އަކްޝޭގެ ހަށިގަނޑަށް ވަދެގެން ދެން ވާކަންތައްތަކެވެ.