ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނާއި ހޯމް މިނިސްޓަރު ހަސަން އަފީފުގެ އިތުބާރުނެތް ކަމުގެ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޕީޕީއެމުން ނިންމައިފި އެވެ.

ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގައި ހިމެނިވަޑައިގަންނަވާ ރައްޔިތުން މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފު ވިދާޅުވީ ދެ ވަޒީރުންގެ އިތުބާރުނެތް ކަމުގެ ވޯޓެއް ނެގުމަށް ނިންމީ ސަރުކާރުން މިހާރު އަމަލު ކުރަމުންދާ ގޮތާއި ގުޅިގެން ފިޔަވަޅު އެޅުމުގެ ގޮތުން ކަމަށެވެ.

''ދިވެހި ރާއްޖޭގެ އެންމެ މަތީ ފަނޑިޔާރުގެ (އުއްތަމަ ފަނޑިޔާރު) އަމުރަކަށް ކިޔަމަނެއްނުވި. އެހެންވީމަ އަޅުގަނޑުމެން ޕާލަމެންޓްރީ ގުރޫޕުން ނިންމައިފިން ޣައިރު ގާނޫނީ އަމަލުތައް ހިންގި ފަރާތްތަކާއިމެދު ޕީޖީ ފިޔަވަޅު އަޅަން،'' އާރިފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފުލުހުންނާއި ސިފައިން ހިންގާފައިވާ ޣައިރު ގާނޫނީ އަމަލުތަކާއި މެދު އެޅެން އޮތް ހުރިހާ ފިޔަވަޅެއް އެޅުމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުން ނިންމާފައިވާ ކަމަށެވެ. އަދި އެ ފިވަޅުތައް އެޅުމަށް ނިންމާފައި ވަނީ ރައްޔިތުން މަޖިލީހުގެ ގައުމީ ސަލާމާތާއި ބެހޭ ކޮމެޓީއަށް އެ މައްސަލަތައް ވައްދާ ދިރާސާ ކުރުމަށް ފަހުގައި ކަމަށް އާރިފު ވިދާޅުވި އެވެ.

''މި ފިޔަވަޅު އެޅުމުގައި ވެސް އަޅުގަނޑުމެން އެބަ ބަލަން ރައްޔިތުން މަޖިލީހުގެ 241 ވަނަ ކޮމެޓީ (ގައުމީ ސަލާމަތާއި ބެހޭ ކޮމެޓީ) ގައި މިއަންނަ ހޮނިހިރު ދުވަހު ބައްދަލު ކުރައްވާފައި އެ ބޭފުޅުން އެއިން ރިޔާއަތްކުރާ ކަންތައް ތަކަށް، އަޅުގަނޑުމެން ވެސް ރިޔާއަތްކޮށް އަދި ޕްރޮސެކިއުޓަރ ޖެނަރަލް ވެސް ވިދާޅުވެފައި އޮތީ އެމަނިކުފާނު ވެސް ޣައިރު ގާނޫނީ އަމަލުތައް ހިންގި ފަރާތްތަކާއިމެދު ފިޔަވަޅު އަޅާނެ ކަމަށް. އެމަނިކުފާނު ރިޔާއަތް ކުރާކަން ކަމަށް ވެސް އަޅުގަނޑުމެން ބަލާނަން،'' އޭނާ ވިދާޅުވި އެވެ.

އާރިފު ވިދާޅުވީ ދެ ވަޒީރުންގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް މަޖިލީހަށް ވައްދާނީ ފުލުހުނާއި ސިފައިން ހިންގާ ''ޣައިރު ގާނޫނީ އަމަލުތަކާއި'' ގުޅޭގޮތުން ގައުމީ ސަލާމަތާއި ބެހޭ ކޮމެޓީއާ ރާއްޖޭގެ ގާނޫނީ ވަކީލުން ނިންމާ ނިންމުމެއްގެ މައްޗަށް ރިޢާޔަތް ކުރުމަށްފަހު ކަމަށެވެ.

އޭނާ އަދި ވިދާޅުވީ ގާނޫނުއަސާސީ އާއި ހިލާފަށް ކުރިމިނަލް ކޯޓުގެ އިސް ގާޒީ ހައްޔަރުކޮށް ޖުޑިޝަރީގެ އަމުރު ތަކަށް ސިފައިންނާއި ފުލުހުން ނުކިޔަމަންތެރިވެ ހިންގަމުންގެންދާ ޢަމަލުތަކުގެ ސަބަބުން އަންދާޒާ ކޮށްލަން ވެސް ނޭނގޭ ބޮޑެތި ދުސްތޫރީ މައްސަލަ ތަކެއް މިހާރު ކުރިމަތިވެފައިވާ ކަމަށެވެ.