ގައުމީ އެއާލައިން މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް ރާއްޖެއިން ބޭރަށް ފުޅާކުރަން ވިސްނަމުންދާ ކަމަށް މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވެއްޖެ އެވެ.

މޯލްޑިވިއަންގެ އެހީގައި މިއަދު އިންޑިއާގައި ސީޕްލޭންގެ ހިދުމަތް ވަނީ ފަށާފަ އެވެ. ސްޕައިސްޖެޓުން އިންޑިއާގައި އޮޕަރޭޓުކުރާ މި ހިދުމަތް އިފްތިތާހު ކުރުމަށްޓަކައި މޯލްޑިވިއަންއިން ކުއްޔަށް ދިން ސީޕްލޭންގެ ފުރަތަމަ ދަތުރަކީ އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ކެވާޑިއާއިން ގުޖުރާތު ސްޓޭޓުގެ އަހްމަދުއާބާދުގައި ހުންނަ އެއާޑްރޯމްއަށް ކުރެއްވި ދަތުރުފުޅެވެ.

އެ ދަތުރަށް އިޝާރާތްކުރައްވައި ރިޒްވީ ވިދާޅުވީ މޯދީގެ މި ދަތުރުފުޅުގެ ސަބަބުން އެ ކުންފުންޏަށާއި ރާއްޖެއަށް ބޮޑު އެކްސްޕޯޝާއެއް ލިބިގެންދާނެ ކަމަށެވެ.

އެހެންކަމުން މިފުރުސަތުގެ ބޭނުންހިފައި، ސީޕްލޭންގެ ހިދުމަތް ދިވެހިވަންތަ ގޮތަކަށް ރާއްޖޭގެ އަސްދަޑިން ބޭރަށް ފުޅާކުރުމަށް ވިސްނާ ކަމަށް ރިޒްވީ ވިދާޅުވި އެވެ.

ދިވެހިންގެ އެހީ މިފަދަ ބޮޑު ރަސްމިއްޔާތަކަށް ފޯރުކޮށްދެވުމަކީ ގައުމީ އެއާލައިނެއްގެ ހައިސިއްޔަތުން ފަހުރުވެރިވާ ކަމެއް ކަމަށް ވެސް ރިޒްވީ ވިދާޅުވި އެވެ.

"އިންޑިޔާއިން އެގައުމުގެ ޕްރައިމް މިނިސްޓަރުގެ ހާއްސަ ދަތުރަކަށް ދިވެހިންގެ ގައުމީ އެއާލައިންގެ ބޯޓެއް ޗާޓަރު ކުރުމަކީ ދިވެހިންގެ ކުޅަދާނަކަމާއި ހުނަރު ބަލައިގަނެ އިހްތިރާމް ކުރާކަން ރަމްޒުކޮށްދޭ ކަމެއް." ރިޒްވީ ވިދާޅުވި އެވެ.

އިންޑިއާގައި ސީޕްލޭން ހިދުމަތް ފަށަން މޯދީ ކުރެއްވި ދަތުރުފުޅުގައި ބޭނުންކުރި މޯލްޑިވިއަން ސީޕްލޭން އޮޕަރޭޓުވެސް ކޮށްފައިވަނީ ދިވެހި ކުރޫއިންނެވެ. ރިޒްވީ ވިދާޅުވީ މިދަތުރާއެކު މުސްތަގްބަލު ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށާއި މިކަމުގެ ސަބަބުން ދެގައުމުގެ ގުޅުން ބަދަހިވެ، ޒަމާންވީ އެކުވެރިކަން އިތުރަށް އާލާވެގެންދާނެ ކަމަށެވެ.