31 Oct 2020, 12:54
ގައުމީ އެއާލައިން މޯލްޑިވިއަންގެ އެހީގައި އިންޑިއާގައި ސީޕްލޭންގެ ހިދުމަތް މިއަދު ފަށައިފިއެވެ. އިންޑިއާގެ ސްޕައިސްޖެޓްއިން އޮޕަރޭޓުކުރާ މި ހިދުމަތް ފެށުމަށްޓަކައި މިދިޔަ ހަފްތާގައި މޯލްޑިވިއަންއިން ވަނީ އެ އެއާލައިނުގެ ސީޕްލޭނެއް ސްޕައިސްޖެޓަށް ކުއްޔަށް ދޫކޮށްފައެވެ.
އިންޑިއާގައި ވައިގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ގިނަ ބަޔަކަށް ހެޔޮ އަގުގައި ދަތުރުކުރެވޭނެ އިންތިޒާމުތައް ހަމަޖައްސައި އަދި ވައިގެ ދަތުރުތައް ކުރުމަށް ބޭނުންވާ އިންފްރާސްޓްރަޗްކާ ގާއިމުކުރުމަށްޓަކައި އިންޑިއާ ސަރުކާރުން ފަށާފައިވާ "އުޑަން" މަޝްރޫއުގެ ދަށުން އިންޑިއާގައި މިއަދު ސީޕްލޭންގެ ހިދުމަތް ފެށީ ގުޖުރާތު ސްޓޭޓުގެ ކެވާޑިއާއިންނެވެ. ކެވާޑިއާއަކީ އިނގިރޭސި އިސްތިއުމާރުން އިންޑިއާ މިނިވަންކުރުމަށް ކުރި މަސައްކަތުގައި އުޅުއްވި ސަރުދާރު ވައްލައްބާއި ޕަޓޭލްގެ ހަނދާނުގައި ހަދާފައިވާ "ސްޓެޗޫ އޮފް ޔުނިޓީ" އެއްބައިވަންތަކަމުގެ ބިނާ ހުންނަ ސަރަހައްދެވެ.
އިންޑިއާގެ ގައުމީ އެއްބައިވަންތަކަމުގެ ދުވަހާ ދިމާކޮށް، އެތަނުން ސީޕްލޭންގެ ހިދުމަތް ފައްޓަވައިދެއްވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީއެވެ.
ސީޕްލޭން ހިދުމަތާއި އިންޑިއާގެ ފުރަތަމަ ވޯޓާ އެރޯޑްރޯމް ކެވާޑިއާގައި އިފްތިތާހުކުރެއްވުމަށްފަހު، މޯލްޑިވިއަންގެ ދިވެހި ކްރޫއިން ސްޕައިސްޖެޓަށް އޮޕަރޭޓުކޮށްދިން ސީޕްލޭން ފްލައިޓުގައި ބޮޑުވަޒީރު މޯދީ ދަތުރު ފެއްޓެވީ ގުޖުރާތު ސްޓޭޓުގެ އަހްމަދުއާބާދުގައި ހުންނަ ސަބަރުމަތީ ކޯރުގައި ގާއިމުކުރި އެރޯޑްރޯމަށެވެ.
ގައުމީ އެއާލައިން މޯލްޑިވިއަންގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވީ މޯލްޑިވިއަންގެ ސީޕްލޭނެއް އިންޑިއާއިން ޗާޓަރުކުރުމަކީ މޯލްޑިވިއަންގެ ވިޔަފާރިއަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމެއް ކަމަށެވެ. އަދި މޯލްޑިވިއަންގެ ވައިގެ އުދުހުންތައް އިތުރު ހަރުފަތަކަށް ގެންދިއުމަށް ކުރަމުންދާ މަސައްކަތަށްވެސް ލިބޭ ބޮޑު ކުރިއެރުމެއް ކަމަށެވެ.
"މި ފުރުސަތުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އިތުބާރާއި ޔަގީންކަން އެތައް ތަނަކުން އިތުރުވެ، ވިޔަފާރީގެ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ. އަދި ސްޕައިސްޖެޓް ފަދަ ކުންފުންޏެއްގެ އިތުބާރާއި ޔަގީންކަން ލިބުމަކީ ވައިގެ އުދުހުންތައް އެހެން ހަރުފަތަކަށް ގެންދިއުމަށް ކުރާ މަސައްކަތަށް އިތުރު ފަހިކަމެއް ލިބޭނެ ކަމަށް. މިފުރުސަތުގެ ބޭނުން ވީހާވެސް އެދެވޭ ގޮތެއްގައި އަޅުގަނޑުމެން ހިފާނަން." ރިޒްވީ ވިދާޅުވި އެވެ.
ރިޒްވީ ވިދާޅުވީ އިންޑިއާއިން ބޭނުންވި ނަމަ ދުނިޔޭގެ ކޮންމެ ގައުމަކުންވެސް ސީޕްލޭން ޗާޓަރު ކުރެވުނީސް ކަމަށާއި، މި ކަމުންވެސް ރަމްޒުކޮށްދެނީ އިންޑިއާއާއި ރާއްޖެއިން އެއްގައުމު އަނެއް ގައުމަށޤ ކުރާ އިހުތިރާމު ކަމާށެވެ.
މީގެ އިތުރުން ރިޒްވީ އިންޑިއާއިން ބޭނުންނަމަ ދުނިޔޭގެ ކޮންމެ ގައުމަކުންވެސް ސީޕްލޭނެއް ޗާޓަރު ކުރެވިދާނެ ކަމަށެވެ. އެހެންކަމުން މިއީ އިންޑިއާއާއި ރާއްޖެއިން އެއްގައުމު އަނެއް ގައުމަށް ކުރާ އިހްތިރާމުގެ ރަމްޒެއް ކަމަށާއި މިއީ ދިވެހިންނަށް ލިބުނު ފަހުރަކާއި ޝަރަފެއް ކަމަށް ރިޒްވީ ވިދާޅުވި އެވެ.
ސްޕައިސްޖެޓްގެ މި ދަތުރުގެ އިތުރުން އިންޑިއާގައި ސީޕްލޭން ފެށުމަށްޓަކައި އެގައުމުން ޓެކްނިކަލް ސަޕޯޓް ބޭނުންވާނަމަ އެކަން ފޯރުކޮށްދޭނެ ކަމަށާއި އެކަމުގެ މަޝްވަރާތައް މިހާރުވެސް ކުރަމުންދާ ކަމަށް ރިޒްވީ ވިދާޅުވި އެވެ. އަދި މިކަމަކީ ދެގައުމަށް ވެސް ފައިދާކުރަނިވި، "ވިންވިން ސިޓުއޭޝަނެއް"ޣެ ގޮތުގައި ރިޒްވީ ސިފަކުރެއްވި އެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ބައިވެރިވެވަޑައިގެންނެވި މިަދުގެ ދަތުރުފުޅުގެ ކަންކަމުގައި މޯލްޑިވިއަންގެ މުވައްޒަފުންގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކޮށް، ރިޒްވީ ވަނީ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފަ އެވެ.