މައްކާ (އޮކްޓޯބަރު 31): މައްކާގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓި، މަސްޖިދުލް ހަރަމްގެ ގޭޓެއްގައި ޖެހިއްޖެއެވެ. އެ ކާރު ދުއްވަން އިން މީހާ މިހާރު ވަނީ ހައްޔަރުކޮށްފައެވެ.

ސައުދީ މީޑިއާތަކުން ރިޕޯޓު ކުރި ގޮތުގައި އެ ކާރު ގޮސް ހަރަމްފުޅުގެ ގޭޓެއްގައި ޖެހުނީ މިސްކިތުގެ ބޭރުގައި ހުރި ޕްލާސްޓިކް ބެރިކޭޑުތަކެއް ފަޅާލުމަށް ފަހުގަ އެވެ. އަދި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވެ އެވެ.

މައްކާ ސަރުކާރުގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި އެ ކާރު ގޮސް ގޭޓުގައި ޖެހުނީ ބާރު ސްޕީޑުގައި ދުއްވާފައި ދަނިކޮށް ކުއްލިއަކަށް މިސްރާބު ބަދަލުވުމުންނެވެ.

ސައުދީ އޮކާޒް ނޫހުން ބުނި ގޮތުގައި އެ ހާދިސާ ހިނގި ވަގުތު ކާރު ދުއްވަން އިން މީހާ ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އެ މައްސަލަ ޕަބްލިކް ޕްރޮސެކިއުޓާސް އޮފީހަށް ވަނީ ފޮނުވާފަ އެވެ.

ކޮރޯނާވައިރަސް ބަލިމަޑުކަމާ ގުޅިގެން މީގެ ހަތް މަސް ކުރިން ބަންދު ކުރި ހަރަމްފުޅުގައި ޖަމާއަތުގައި ނަމާދު ކުރުން މި މަހު ވަނީ ފަށާފަ އެވެ. އަދި ކޮވިޑާ ހެދި އެޅި ފިޔަވަޅުތައް ލުއި ކުރަމުން ގޮސް، އެގައުމުގައި ދިރިއުޅޭ މީހުންނަށް އުމްރާ ކުރަންވެސް ހުއްދަ ދީފައިވާ އިރު މާދަމާއިން ފެށިގެން ބޭރު ގައުމުތަކުގެ ބައެއް މީހުންނަށްވެސް އުމްރާ ކުރަން ހުއްދަ ދޭނެ އެވެ.