31 Oct 2020, 11:47
ތިންވަނަ ކުއާޓަރުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް ސާފު ފައިދާގެ ގޮތުގައި 258.6 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
ތިންވަނަ ކުއާޓަރުގައި ބީއެމްއެލްގެ ސާފު ފައިދާގެ ގޮތުގައި 258.6 މިލިއަން ރުފިޔާ ލިބުނުއިރު، މިއީ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރާ އަޅާބަލާއިރު 15 ޕަސެންޓު އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ސާފު ފައިދާގެ ގޮތުގައި ބީއެމްއެލްއަށް ލިބުނީ 224.4 މިލިއަން ރުފިޔާ އެވެ.
ބީއެމްއެލްގެ މާލީހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ތިންވަނަ ކުއާޓަރުގައި އެ ބޭންކަށް އާމްދަނީގެ ގޮތުގައި 646 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ލިބުނީ 639 މިލިއަން ރުފިޔާގެ އާމްދަނީއެކެވެ.
މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރާ އަޅާބަލާއިރު މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ބީއެމްއެލްގެ ހިންގާ ހަރަދު ވެސް ވަނީ ކުޑަކޮށްފަ އެވެ. އެގޮތުން މިއަހަރުގެ މި މުއްދަތުގައި ކުންފުނީގެ ހަރަދުތައް 117 މިލިއަނުގައި ހުރިއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ހުރީ 125 މިލިއަން ރުފިޔާގަ އެވެ.
ފުރަތަމަ ކުއާޓަރުގައި 685 މިލިއަން އަދި ދެވަނަ ކުއާޓަރުގައި 551 މިލިއަން ރުފިޔާގެ އާމްދަނީއަކާއެކު ބީއެމްއެލްއަށް ތިން ކުއާޓަރުގައި ލިބުނު ޖުމުލަ އާމްދަނީ ވަނީ 1.8 ބިލިއަން ރުފިޔާއަށް އަރާފަ އެވެ.