ސާކް ސަމިޓަށް ސ. ހިތަދޫގައި ހެދި ބޮޑު މަގުން ދުއްވާފައި ދިޔަ ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އެކިވަރުގެ އަނިޔާ ވެއްޖެ އެވެ.

ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ މިރޭ އިރާކޮޅު 7:15 ހާއިރު އެ އެކްސިޑެންޓް ހިނގީ ބޮޑުމަގުން ދުއްވާފައިދިޔަ ދެ ސައިކަލު ޖެހި ކަމަށާއި އަނިޔާވި ހަތަރު މީހުންނަށް މިހާރު ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓްގައި ބޮޑެތި ޒަޚަމްތަކެއް ލިބިފައިވަނީ ދެ ސައިކަލު ދުއްވަން އިން ދެ މީހުންނަށް ކަމަށެވެ. އެގޮތުން އެއް ސައިކަލު ދުއްވަން އިނީ ދަފުތަރު، މުހައްމަދު ނަސީރު 35، އެވެ. އަދި އަނެއް ސައިކަލު ދުއްވަން އިނީ ހިތަދޫ އިރުދޭވިލާ ހަސަން ނަދީމް 21، އެވެ. ނަދީމް ދުއްވި ޕަލްސާ ސައިކަލުގެ ފަހަތުގައި އިން ހަމަ އެރަށު ހެލެގެލި، ހަމީން ހުސެއިން 20، އަށް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު، އެކްސިޑެންޓްވި ދެ ވަނަ ސައިކަލުގެ ފަހަތުގައި އިން ހިތަދޫ ރޯޝަނީގެ އިބުރާހިމް ޒާހިރު 44، އަށް ވެސް އެކިވަރުގެ އަނިޔާ ވެފައި ކަމަށް ފުލުހުން ބުނެ އެވެ.

ނަމަވެސް އެމީހުން ނަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް ވަނީ އަދި ލިބޭ ގޮތް ނުވެފަ އެވެ.

މިދިޔަ އަހަރު ވެސް ހިތަދޫގައި އެކިވަރުގެ އެކްސިޑެންޓްތައް ހިނގާ ބައެއް މީހުން ވަނީ މަރުވެފަ އެވެ.