ގައުމީ ޕާޓީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދުގެ މައްސަލަ ޝަރީއަތަށް ހުށަހަޅައިދިނުމަށް ޕީޖީ އަށް ފޮނުވަން ނިންމާފައިވާކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ މައްސަލަ ޕީޖީ އަށް ފޮނުވަން ނިންމާފައި ވަނީ ޑރ. ޖަމީލު ރައްޔިތުންގެ ހިތްތަކުގައި ދިވެހި ސަރުކާރާމެދު ނަފުރަތު އުފައްދައި ގައުމުގެ ސިޔާދަތަށް އުނިކަން ލިބޭގޮތަށް ވާހަކަ ދައްކައި، ދީނީ އެއްބައިވަންތަކަން ނަގާލާފައިވާތީ ކަމަށެވެ.

އެ މައްސަލަ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުށަހަޅާފައިވާ މައްސަލައެއްކަމަށް ވެސް ފުލުހުން ބުނެއެވެ.

އެ މައްސަލައިގެ ތަހުގީގު ނިމިފައިވޭތޯ ތަކުރާރުކޮށް ދެންނެވުމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިހާތަނަށް ފުލުހުން ހާމަކޮށްފައިވާ މައުލޫމާތަކީ ޑރ. ޖަމީލުގެ މައްސަލަ ޕީޖީއަށް ހުށަހަޅަން ނިންމި ވާހަކަ އެކަނި ކަމަށެވެ.

ޑރ. ޖަމީލްގެ މައްސަލަ ޕީޖީއަށް ފޮނުވަން ނިންމާފައިވާއިރު މިހާތަނަށް ތިން ފަހަރެއްގެ މަތިން ފުލުހުން ވަނީ ޑރ. ޖަމީލު ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކުރުމަށްފަހު ވަގުތުން ހައްޔަރުކޮށްފަ އެވެ.

ޑރ. ޖަމީލު ހައްޔަރުކުރި ތިން ފަހަރުވެސް ހައްޔަރުކުރީ ގާނޫނާއި ޚިލާފަށް ކަމަށް ކްރިމިންލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.