30 Oct 2020, 22:01
ވިސާގެ މުއްދަތު އާކުރެވެން ނެތް ހާލަތްތަކުގައި އިމަޖެންސީ ޑިޕާޗާ ފޯމު ހުށަހަޅައިގެން ރާއްޖެއިން ފުރޭނެ އެންމެ ފަހު ތާރީހަކީ އަންނަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަސް ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.
ކޮވިޑް19 ގެ ސަބަބުން، ވިސާ އާކުރުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ފަރާތްތަކަށް، މި އަހަރުގެ މާޗް މަހުން ފެށިގެން އިތުރު ލުއި ފަސޭހަ ގޮތްތަކެއް ވަނީ ތައާރަފު ކޮށްފައެވެ.
އެގޮތުން ވިސާ ދޫކުރެވެން ނެތް ހާލަތްތަކުގައި "އެޕްލިކޭޝަން ފޯ އިމަޖެންސީ ޑިޕާޗާ" ފޯމު މެދުވެރިކޮށް، 31 އޮކްޓޯބަރުގެ ކުރިން ރާއްޖެއިން ފުރައިގެން ދެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާދީފައެވެ.
އިމިގްރޭޝަނުން މިއަދު ބުނީ އެހެންކަމުން ނޮވެމްބަރު މަހުން ފެށިގެން ބިދޭސީންނަށް ރާއްޖެއިން ފުރައިގެން ދެވޭނީ ކަނޑައަޅާފައިވާ ވަކި ގޮތެއްގެ މަތިން އަމަލު ކުރުމުން ކަމަށެވެ.
ވޯކް ވިސާގެ މުއްދަތު ހަމަވެ އާކުރެވެން ނެތް ފަރާތްތަކާއި، އެހެނިހެން ބާވަތްތަކުގެ ވިސާ ލިބިގެން ރާއްޖޭގައި އުޅެމުންގެންދާ ފަރާތްތަކުގެ ތެރެއިން، އެފަރާތަށް ދޫކޮށްފައިވާ ވިސާގެ މުއްދަތު އާކުރެވެން ނެތް ހާލަތްތަކުގައި، ރާއްޖެއިން ފުރާ ބަނދަރަކަށް ދިއުމުން ފުރޭނެ އިންތިޒާމް ވާނީ ހަމަޖައްސާފައެވެ.
ނަމަވެސް އެ އިންތިޒާމުގެ ދަށުން ފުރުވާލެވޭނީ، ފުރިހަމަކޮށްފައިވާ އިމަޖެންސީ ޑިޕާޗާ ފޯމު އިމިގްރޭޝަންގެ ޑިޕާޗާ ކައުންޓަރަށް ހުށަހެޅުމުންނެވެ.
އަދި އެއާއެކު ބިދޭސީ ފަރާތް ރާއްޖެއިން ފުރުމުގެ ކުރިން އޮންލައިންކޮށް "ޓްރެވަލާސް ހެލްތު ޑިކްލަރޭޝަން" ފުރިހަމަ ކުރުމުންނެވެ.
އިމިގްރޭޝަނުން މިަދު ބުނީ އިމަޖެންސީ ޑިޕާޗާ ފޯމު ހުށަހަޅައިގެން، ރާއްޖެއިން ފުރޭނެ އެންމެ ފަހު ތާރީހަކީ 31 ޑިސެންބަރ 2020 ކަމަށެވެ.
އިމިގްރޭޝަނުން ބުނީ ވޯކް ވިސާ ފިޔަވައި އެހެނިހެން ވިސާގައި ރާއްޖެ އެތެރެވެފައިވާ، ފަރާތެއް ނުވަތަ ފަރާތްތަކެއް ނިސްބަތްވާ ގައުމެއްގެ ބޯޑަރު ބައިނަލް އަގުވާމީ ދަތުރުފަތުރަށް ހުޅުވާފައި ނުވުމުގެ ސަބަބުން، ރާއްޖެއިން ފުރައިގެން ނުދެވިފައިވާ ފަރާތްތައް ރާއްޖޭގައި ތިބޭ މުއްދަތުގެ ތެރޭގައި އެ ފަރާތްތަކުގެ ވިސާ އާކުރުމަށް އެދި ހުށަހަޅާ ފޯމާއި ލިޔެކިއުންތައް ފުރިހަމަ ކުރުމަށްފަހު[email protected]އަށް މެއިލް ކުރުމުން، އެފަރާތްތަކުގެ ހާލަތަށް ރިއާޔަތްކޮށް، ވީސާ އާކޮށްދެވޭނެ ކަމަށެވެ.
ވޯކް ވިސާ ފިޔަވައި އެހެނިހެން ވިސާގައި ރާއްޖެ އެތެރެވެފައިވާ ފަރާތްތަކުގެ ތެރެއިން، އެ ބިދޭސީއަކަށް ދޫކޮށްފައިވާ ވިސާގެ މުއްދަތު މިދިޔަ މާޗު މަހުގެ 19 ވަނަ ދުވަހުގެ ކުރިން ހަމަވެފައިވާ ފަރާތްތަކުން ވިސާގެ މުއްދަތު އިތުރު ކުރުމަށް ހުށަހަޅާ ފޯމާއި އެހެނިހެން ލިޔެކިއުންތައް ވެސް މެއިލް ކުރަން އިމިގްރޭޝަނުން ވަނީ އެދިފައެވެ.
އެއަށްފަހު، އަމަލު ކުރަންވީގޮތް، އީމެއިލްގެ ޒަރީއާއިން ހިއްސާކުރެވޭނެ ކަމަށާއި އެ ފަރާތްތަކަށް ވިސާ ދޫކުރެވޭނީ ނުވަތަ ފުރައިގެން ދެވޭނެ އިންތިޒާމު ހަމަޖައްސާ ދެވޭނީ އިމިގްރޭޝަން ގާނޫނުގެ ދަށުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށްފަހުގައި ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އަދި ވޯކް ވިސާ ފިޔަވައި އެހެން ވިސާފައި ރާއްޖެ އެތެރެވެފައިވާ ފަރާތްތަކަށް ދޫކޮށްފައިވާ ވިސާ އާކުރުމަށް އެދި، އަންނަ ޑިސެމްބަރު 31 ގެ ކުރިން، ބޭނުންވާ ލިޔެކިއުންތަކާއެކު މެއިލް ކުރާ ފަރާތްތަކުގެ، ވިސާގެ މުއްދަތު ޖޫރިމަނާ ފައިސާ އާއި ނުލައި އާކޮށްދެވޭނެ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.
އެ ތާރީހުގެ ފަހުން މެއިލް ކުރާ ފަރާތްތަކަށް ވިސާ އާކޮށްދޭނީ އިމިގްރޭޝަން ގާނޫނުގެ ދަށުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށްފަހު އެވެ.