ވޯކް ވިސާ ލިބިގެން ރާއްޖޭގައި ވަޒީފާ އަދާ ކުރުމަށްފަހު، އެކިއެކި ސަބަބުތައް މެދުވެރިވެ ރާއްޖެއިން ފުރާފައިވާ ބިދޭސީންގެ ތެރެއިން، ވޯކް ވިސާ ފީގެ މުއްދަތު ހަމަވެ، އޮންލައިންކޮށް ފީ ދެއްކެން ނެތުމުގެ ސަބަބުން ވިސާ ކެންސަލް ކުރެވިފައި ނުވާ ފަރާތްތަކުގެ ވިސާ ފީ އޮންލައިންކޮށް ދެއްކޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

އިމިގްރޭޝަނުން މިއަދު ބުނީ ވޯކް ވިސާ ފީ ދެއްކުމަށް އެދޭ ފަރާތްތަކުން "މިސަލޭނިއަސް ވޯކް ވީސާ ފީ ފޯމު" (IM41 ފޯމު) ފުރިހަމަކޮށް،[email protected]އަށް މެއިލް ކުރުމުން ރަސްމީ މަސައްކަތު ހަތް ދުވަހުގެ ތެރޭގައި ފީ ދެއްކުމަށް ބޭނުންވާ މައުލޫމާތު އެކްސްޕެޓް އޮންލައިން ސިސްޓަމަށް ލެވޭނެ ކަމަށެވެ.

އަދި ފީ ދެއްކުމަށް ބޭނުންވާ މީހާގެ ރެކޯޑް ސިލެކްޓް ކުރުމުން، ވީސާ ފީގެ ގޮތުގައި ދައްކަންޖެހޭ އަދަދު ފެންނާނެ ކަމަށެވެ.

މިސަލޭނިއަސް ވޯކް ވިސާ ފީ ފޯމު ހުށަހަޅާނީ، ވޯކް ވިސާ ފީ ދެއްކުމަށްފަހު ވިސާ ކެންސަލްކުރަން އެދޭ ފަރާތްތަކުން ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އަދި އަޕްޑޭޓް ކުރެވިފައިވާ ރެކޯޑަށް އޮންލައިންކޮށް ފީ ދެއްކުމަށް ދީފައިވާ މުއްދަތު ކަމަށްވާ 90 ދުވަސް ހަމަވުމުގެ ކުރިން ފީ ދެއްކުމަށް ސަމާލުކަން ދިނުމަށް ވެސް އިމިގްރޭޝަނުން ވަނީ އެދިފައެވެ.