އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) ގެ އޮފީހުން ވައްކަން ކުރުމުގެ ސަބަބުން، އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަށް ކުރާ މަސައްކަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އައްޑޫ އެޗްއާރުސީއެމް އޮފީހުން ވައްކަން ކޮށްފައިވާ މައްސަލަ ފުލުހުންނަށް ހުށަހެޅި އިއްޔެ ހެނދުނުއެވެ. އަދި އެހާތަނަށް ބެލި ބެލުމުން ބައެއް ލިޔެކިޔުންތަކާއި ދެ ލެޕްޓޮޕް އަދި ޑީވީއާރު ވަގަށް ނަގާފައިވާކަން އެނގިފައިވާ ކަމަށް ފުލުހުން އިއްޔެ ވަނީ ބުނެފައެވެ.

އެޗްއާރްސީއެމް އިން ނެރުނު ބަޔާނެއްގައި ބުނީ އައްޑޫ ސިޓީގައި ހުންނަ އެ ކޮމިޝަންގެ އޮފީސް ހިންގަމުންދާ އިމާރާތާއި، މުދަލާއި ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއްދީ، އިދާރާގައި ބޭނުންކުރާ ބައެއް ތަކެއްޗާއި ކޮމިޝަނުގެ ލިޔެކިޔުންތައް ވަގަށް ގެންގޮސްފައިވާ ކަމަށެވެ.

"ހާދިސާގެ ސަބަބުން އެޗްއާރްސީއެމް އިން އިންސާނީ ހައްގުތައް ހިމާޔަތްކޮށް، ކުރިއަރުވާ ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަން ހިތާމައާއެކު ފާހަގަކުރަމެވެ." ބަޔާނުގައިވެއެވެ.

އެޗްއާރްސީއެމް އިން ބުނީ އެ ހާދިސާއާ ގުޅިގެން ލިބުނު ގެއްލުމުގެ ފުރިހަމަ ތަފްސީލް ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އަދި އުންމީދުކުރަނީ އެ ހާދިސާއިން ލިބުނު ގެއްލުންތަކުން އަރައިގަނެ، ސަދަން ރީޖަނަލް އޮފީހުގެ ހިދުމަތްތައް ކުރިއެެކޭ އެއްގޮތަށް ވީ އެންމެ އަވަސް ފުރުސަތެއްގައި ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ކަމަށް ކަމުގައި އެ ކޮމިޝަނުން ބުންޏެވެ.

އެޗްއާރްސީއެމް އިން ވަނީ ދައުލަތުގެ އިދާރާތަކަށް ދޭ އެފަދަ ގެއްލުންތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ. ވައްކަމާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.