ބޯޑަރު ހުޅުވާލި ފަހުން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 37،000 އަށްވުރެ އިތުރުވެއްޖެ އެވެ.

ކޮވިޑް19 ޕެންޑެމިކްއާ ގުޅިގެން މާޗް މަހުގެ ފަހުކޮޅު ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު އަލުން ހުޅުވާލީ ޖުލައި 15 ވަނަ ދުވަހުގަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޖުލައި 15 ވަނަ ދުވަހުން ފެށިގެން މި މަހު 28 ވަނަ ދުވަހުގެ ނިޔަލަށް 37،468 ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފަ އެވެ. މިއާއެކު މުޅި މި އަހަރު ރާއްޖެއަށް އައި ޖުމުލަ ފަތުރުވެރިންގެ އަދަދު ވަނީ 420،315 އަށް އަރާފަ އެވެ.

ކޮވިޑް19 އާ ގުޅިގެން ދުނިޔޭގެ ދަތުރުފަތުރާއި ފަތުރުވެރިކަން ހީނަރުވެފައިވާ އިރު، ރާއްޖެއިން އަމާޒު ކަނޑައަޅާފައިވަނީ މި އަހަރު ނިމުމުގެ ކުރިން 500،000 ޓޫރިސްޓުން ރާއްޖެ އައުމެވެ.

ކޮވިޑާއެކު ފަތުރުވެރިކަމުގެ ދާއިރާއަށް އައި ބޮޑު ހީނަރުކަމާއެކު ވެސް ސަރުކާރުގެ އަމާޒަކީ މިއަހަރު ޖުމުލަ ފަސްލައްކަ ފަތުރުވެރިން ރާއްޖެއަށް ގެނައުމެވެ.

ބޯޑަރު ހުޅުވާލިފަހުން ހިނގާދިޔަ މުއްދަތުގައި އެންމެ ގިނައިން ފަތުރުވެރިން އައި މާކެޓުތަކަކީ؛

  • ރަޝިއާ: 7،507

  • ޔޫއޭއީ: 3،479
  • އެމެރިކާ: 3،056
  • އިނގިރޭސިވިލާތް: 2،923
  • ފްރާންސް: 1،601

މި ފަސް ގައުމުގެ އިތުރުން އެ ލިސްޓުގައި ދެން ހިމެނެނީ ޖާމަނީ، އިންޑިއާ، ސްޕެއިން އަދި ޔޫކްރެއިންގެ އިތުރުން ބްރެޒިލް އެވެ.

ޖުލައި މަހުން ފެށިގެން ކޮންމެ މަހަކުވެސް އެވަރޭޖްކޮށް ދުވާލަކު އައި ފަތުރުވެރިންގެ އަދަދުވެސް ވަނީ ރަނގަޅުވެފަ އެވެ.

އެވަރޭޖްކޮށް ދުވާލަކު އައި ފަތުރުވެރިންގެ އަދަދު

  • ޖުލައި: 117
  • އޮގަސްޓް: 246
  • ސެޕްޓެމްބަރު: 318
  • އޮކްޓޫބަރު: 620

މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ބޯޑަރު ބަންދުކުރުމާ ހަމައަށް ޖުމްލަ 382،760 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާއިރު، އޭރު ދުވާލަކު އެވަރޭޖްކޮށް އަންނަ ފަތުރުވެރިން އަދަދު ހުރީ 4،206 ގަ އެވެ.

ކުރިއަށް އޮތީ ސީޒަން ދުވަސްވަރު ކަމަށްވުމާއެކު ފާހަގަކޮށްލެވޭ ވަރުގެ ކުރިއެރުމެއް ފަތުުރުވެރިކަމުގެ ސިނާއަތުން ފެންނާނެ ކަމަށް މި ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ދަނީ އުންމީދު ކުރަމުންނެވެ.

ހަމައެއާއެކު ސީޒަން ދުވަސްވަރާ ދިމާކޮށް ކުރިއަށް އޮތް ނޮވެމްބަރު މަހުގެ ތެރޭގައި އިތުރު ފަސް އެއާލައިންއަކުން ރާއްޖެއަށް ކޮމާޝަލް ދަތުރުތައް ފަށަން ވެސް ދަނީ ތައްޔާރުވަމުންނެވެ. އެއީ ބަހްރެއިންގެ ގަލްފްއެއާ، އިންޑިއާގެ ގޯއެއާ އަދި ސްޕައިސްޖެޓްގެ އިތުރުން ރަޝިއާގެ ނޯޑްވިންޑް އާއި އަޒުރް އެއާ ރަޝިއާ އެވެ.