30 Oct 2020, 11:18
ރާއްޖެ-އެމެރިކާ ގުޅުން ބަދަހިކުރެވޭނީ ގިނަ ދާއިރާތަކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީ، ރާއްޖެއަށް ކުރިއެރުން ހޯދައިދީގެން ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕޭއޯ ވިދާޅުވެއްޖެ އެވެ.
ޕޮމްޕޭއޯ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރާއްޖެ-އެމެރިކާގެ ގުޅުން ބަދަހިކުރުމަށް ގިނަ ކަންތައްތަކެއް ކުރަން ޖެހޭ ކަމަށެވެ.
އެގޮތުން ދެ ޑިމޮކްރެސީއެއް ގުޅިގެން ކުރެވޭނެ އެންމެ ރަނގަޅު ކަމަކީ ރައްޔިތުންނަށް އުފެއްދުންތެރި ކަންކަން ކުރުމުގެ ޖާގަ ތަނަވަސްކޮށްދިނުން ކަމަށް ޕޮމްޕޭއޯ ވިދާޅުވި އެވެ.
"އެއީ [މިސާލަކަށް] ރާއްޖެއަށް އައިސް މިތަނުގައި އިންވެސްޓްކުރާ އެމެރިކާ މީހުން. ރާއްޖޭގެ ކުންފުނިތަކާ ގުޅިގެން މަސައްކަތްކުރާ [ޖޮއިންޓް ވެންޗާ] އެމެރިކާ ކުންފުނިތައް. އެމެރިކާއަށް ގޮސް ތައުލީމު ހާސިލުކޮށްގެން އެނބުރި ގައުމަށް އަންނާނެ ދިވެހި ދަރިވަރުން،" ޕޮމްޕޭއޯ ވިދާޅުވި އެވެ.
މީގެ އިތުރުން ދިވެހި ސަލާމަތީ ބާރުތަކުގެ އޮފިސަރުންނަށް އެމެރިކާއަށް ގޮސް ތަމްރީނު ހެދުމުގެ ފުރުސަތު ވެސް ފަހިކުރެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕޮމްޕޭއޯ ވިދާޅުވީ ދެގައުމުގެ ދެމެދުގައި ހަރުދަނާ ގުޅުމެއް ބިނާކޮށް، ދެގައުމު އިތުރަށް ވަރުގަދަ ކުރެވޭނީ މިފަދަ ކަންކަމުގެ މައްޗަށް ކަމަށެވެ.
ހަމައެއާއެކު މި ސަރަހައްދުގެ އެހެން ޑިމޮކްރެޓިކް ގައުމުތަކާ ގުޅިގެން މަސައްކަތް ކުރުމަކީ ކުރިއަށް އޮތް ޖީލަށް މިހާރަށްވުރެ ފަހި ދިރިއުޅުމެއް ހޯދައިދެވޭނެ ކަމެއް ކަމަށް ޕޮމްޕޭއޯ ފާހަގަކުރެއްވި އެވެ.
ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ޕޮމްޕެއޯ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއެކު ރަސްމީ މަޝްވަރާތަކެއް ކުރައްވާފަ އެވެ.