19 Jan 2012, 20:12
އިދިކޮޅު ސިޔާސީ ޕާޓީތަކާއި 23 ޑިސެމްބަރު އިއްތިހާދުން މިރޭ އެމް އެމްއޭގެ ކުރިމަތީގައި ބާއްވާ މުޒާހަރާގައި އަމަލީ ގޮތުން ބައިވެރިނުވެވޭ ބޭފުޅުން އެމީހަކު ދިރިއުޅުއްވާ ގޭކުރިމައްޗަށް ނުކުމެ ރަމްޒީ ގޮތުން ނަމަވެސް މުޒާހިރާގައި ބައިވެރިވެ ސަރުކާރު ހަމަމަގަށް އެޅެންދެން މުޒާހިރާކުރުމަށް ގޮވާލައިފި އެވެ.
ތޭވީސް ޑިސެމްބަރު އިއްތިހާދުން މިއަދު ހަވީރު ނަލަހިޔާ ހޮޓެލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހުރިހާ ސިޔާސީ ޕާޓިތަކުން ވެސް ބުނީ އެކި ޕާޓީތަކުގެ ސިޔާސީ ފިކުރު އެއްފަރާތް ކުރުމަށް ފަހު އެންމެން ގުޅިގެން މިއަދު ގައުމު ސަލާމަތް ކުރަން ޖެހިފައިވާ ދަނޑިވަޅުގައި ހުރިހާ ޕާޓީތައް އެކުވެ ދިވެހި ރާއްޖޭގެ ގަނޫނު އަސާސީ ހިމާޔާތްކޮށް ދިވެހިންށް ރައްކާތެރި މިނިވަން މާހައުލެއް ގާއިމް ކޮށްދިނުމަށް ކުރާ މަސައްކަތުގައި ފުރިހަމައަށް ބައިވެރިވާނެ ކަމަށެވެ.
އަދި މިރޭ ކުރާ މުޒާހަރައަކީ ވަކި ގޮތަކަށް ރޭވިގެން ކުރާ މުޒާހިރާއެއް ކަމަށާއި ތާއިދުކުރާ ހުރިހާ ފަރާތްތަކުން މިރޭ 8:45 ޖަހާއިރު އެމް އެމްއޭ ކުރިމައްޗަށް އެއްވެ ސަރުކާރު ގާނޫނުގެ ހަމަމަގަށް އެޅުމަށް ކުރާ މަސައްކަތުގައި ބައިވެރިވުމަށް ވަނީ ގޮވާލާ ކަމަށެވެ.
އިއްތިހާދުން ބުނެފައި ވަނީ ސަރުކާރުން ގާނޫނާއި ގަވާއިދުތަކަށް ބޯނުލަބާ ހާހިނދަކު މުޒާހިރާ ހުއްޓާލުމަށް ގަސްތުނުކުރާ ކަމަށާއި ސަރުކާރު ހަމަމަގަށް އަޅުވައި ގާނޫނުތަކަށް ބޯލަބަންދެން މުޒާހަރާ ކުރިއަށް ގެންދަން ބޭނުންވާ ކަމަށެވެ.
މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ޕާލިމެންޓް ގުރޫޕްގެ ރައީސް އަބުދުﷲ ޔާމިން ވިދާޅުވީ ސަރުކާރުން ގާނޫނާއި ދުސްތޫރުގެ ބާރުކަނޑުވާލުމަށް ފަހު ގާނޫނީ ހަމަތަކަށް ބޯނުލަބައި އަދުލު އިންސާފުގައިމްކުރުމުގެ ދާއިރާއަށް ބިރުގަންނަވައި ކޯޓްތަކުގެ ގާޒީންނަށް ބިރުދައްކައި ފަނޑިޔާރުން ހައްޔަރުކުރުމުގެ މާނައަކީ އަދުލު އިންސާފު ގާއިމްކުރުމުގެ ނިޒާމަކީ މިސަރުކާރު ގަބޫލްކުރާ ނިޒާމެއް ނޫންކަން ދެއްކުމުގެ ގޮތުންކުރާ ކަމެއް ކަމަށެވެ.
"މިހުރިހާ ކަމެއް ހިނގަމުން މިދަނީ ރައީސުލްޖުމުހުރިއްޔާގެ އަޅާލުން ތެރިކަމެއް ނެތީމާ. ސިފައިން ގާނުނާ ހިލާފަށް ފުލުހުން ފުލުހުންނާ ގުޅޭ ގާނޫނުގެ މާއްދާތަކާއި ހިލާފަށް އަދި މީގެ ކުރިން ވެސް ވަނީ ސިފައިންނަނާއި ފުލުހުން ގާނޫނާ ހިލާފަށް މީހުންގެ ގަޔަށް އަތްލާ ހައްޔަރުކޮށްފައި،" ޔާމީން ވިދާޅުވި އެވެ.
އަދާލަތުގެ ޕާޓީގެ ރައީސް އިމްރާން އަބުދުﷲ ވިދާޅުވީ މިސަރުކާރުން ގާނޫނުތަކަށް ތަބާނުވާތީ މިއަދު ފެށި މަސައްކަތް ހުއްޓާލާނީ ސަރުކާރު ގާނޫނުގެ ތެރެއަށް އަލުން އަނބުރާ ވައްދާފައި ކަމަށާއި ރާއްޖޭގެ ދިވެހިންނަށް ލިބިފައިވާ ހުރިހާ ހައްގުތަކެއް ލިބެންދެން މަސައްކަތް ކުރައްވާނެ ކަމަށެވެ.
"ރާއްޖޭގެ ރައްޔިތުންނަށް މިނިވަން ކަމާ އެކު ގާނޫނު އަސާސީން ލިބިފައިވާ ހުރިހާ ހައްގުތަކެއް ހުރިހާ ދިވެހިން ނަށް ލިބި އަދުލު އިންސާފު ލިބުމުގެ ހައްގު އެނބުރިގެނެސްދިނުމަށް ދާންދެން މިމަސައްކަތް ކުރިއަށް ގެންދާނެ،" އިމްރާން ވިދާޅުވި އެވެ.
ޑީއާރްޕީގެ ޑެޕިއުޓީ ލީޑަރު އަހުމަދު މުހައްމަދު( އަންޑޭ) ވިދާޅުވީ މިއަދަކީ ބަނަ ދުވަސްތަކުގެ ތެރެއިން ލިބުނު އުފާވެރި ދުވަހެއް ކަމަށާއި ސަރުކާރު ހަމަމަގަށް އެޅުވުމުގެ ގޮތުން އިދިކޮލު ހުރިހާ ފަރާތްތައް އެއްގަލަކަށް އެރުން އެއީ ދިވެހި ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު މެސެޖެއްކަމަށް ވިދާޅުވި އެވެ.
"ތިންބާރު ފުރިހަމައަށް ގާއިމްކުރެވި މޮޑަން ޑިމޮކްރަސީއެއް ގައިމުކުރެވިފައިވީ ނަމަވެސް މޮޑަން ޑިކްޓޭޓަރެއް އުފަންވެއްޖެ ކަމަށް މިއަދު ގަބޫލްކުރެވެނީ. މުލި ގާނޫނުތަކުގައި ބުނެފައިވާކަން ނަޖާއިޒު ގޮތުގައި ބޭނުންކުރާ މަންޒަރު ފެންނަނީ ތިންބާރުގެ މައްޗަށް ވެސް އަމުރުކުރާތަން ފެންނަނީ މީޑިޔާގެ މިނިވަންކަން ހަނިކުރާތަން ފެންނަނީ،"އަންޑޭ ވިދާޅުވި އެވެ.
ޖުމުހުރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ފުވާދު ގާސިމް ވިދާޅުވީ ސަރުކާރުން ގަނޫނާއި ގަވައިދާ ހިލާފަށްކުރާ މަސައްކަތް ހުއްޓުވާލުމަށް ޖުމުހުރީ ޕާޓީގެ ފަރާތުން އިއްތިހާދާ އެކު ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރާނެ ކަމަށެވެ.
ގައުމީ އިއްތިހާދުގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ތައުފީގް (ޓޯޕީ) ވިދާޅުވީ ރާއްޖޭގެ ދުސްތޫރީ ހަޔާތުގައި ފުރަތަމަ ފަހަރަށް ކުރިމަތިވި އަނދިރި ދުވަސްތައް ކަމަށާއި އެފަދަ އަނދިރި ދުވަސްތަކެއް އަދި އޭނާގެ ހަޔާތުގައި ފެނިފައި ނުވާކަމަށެވެ.
ގައުމީ ޕާޓީގެ ކައުންސިލް މެންބަރު ސަން ދާނު އަހައްމައިދީ ވިދާޅުވީ ގައުމުގެ ހާލަތު ވަރަށް ނާޒުކު ފައްތަރަކަށް ގޮސްފައި ވާތީ ހުރިހާ ރައްޔިތުން ލޯހުޅުވައިގެން ބަލަން ޖެހޭ ކަމާށައި ގައުމުގައި ގާނޫނީ ވެރިކަމެއް ނުހިގާ ކަމަށާއި ހިތަށް އެވަގުތެއްގައި ހިތަށް އެރި ގަޑިއެއްގައި މީހުން ހައްޔަރު ކުރަމުން ގެންދާ ކަމަށާއި މާލޭގެ މަގުމަތީގެ އަމާންކަން ގެއްލިގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅު ވިއެވެ.
"މާލޭގައި އެއްވެސް ރައްކާތެރިކަމެއް ނެތް އަޅުގަނޑަށް ބަޔަކު ހަމަލާދީ އަލިފާން ޖެއްސި ނަމަވެސް އެމީހުން އެއީ ކޮންބައެއްކަން އެނގޭ އިރު ވެސް އެކަމުގެ ތަހުގީގް ފުލުހުންނެއް އަދިވެސް ނުކުރޭ،" އަހައްމައިދީ ވިދާޅުވި އެވެ.
މަދަނީ އިއްތިހާދުގެ ރައީސް މުހައްމަދު ދީދީ ވިދާޅުވީ ސަރުކާރުން ޖުޑީޝަރީ ކަތިލަން ކުރާ މަސައްކަތުން ސަލާމަތްކުރުމަށް މަސައްކަތްކުރައްވާވާނެ ކަމަށާއި އަދި ގާނޫނާ ހިލަފަށް ހައްޔަރުކޮށްފައިވާ ހުރިހާ ފަރާތްތައް މިހާރުން މިހާރަށް ދޫކޮށްލުމަށް ވަނީ ގޮވާލާފަ އެވެ. އޭނާ އަދި ވިދާޅުވީ އެބޭފުޅުން ހައްޔަރުން ދޫކޮށްލުމުން ނުފުދޭނެ ކަމަށާއި އެކަމުގައި ޒިންމާ ވާފަރާތްތަކާ މެދު ގަނޫނީ ފިޔަވަޅުއަޅައި އެމީހުންނާ މެދު ޝަރީއަތްކުރެވި އަދުލު އިންސާފް ލިބެން ޖޭހެނެ ކަމަށެވެ.
"މިހާރު މިއޮތީ ޣައިރު ގާނޫނީ ސަރުކާރެއް މިސަރުކާރު ޗާޓުން ބޭރުވެފައި އޮތުމުން ޗާޓުގެ ތެރެއަށް ގެންނަން އެބަޖެހޭ. އެކަން ކުރެވެނީ ހުރިހާ ރައްޔިތުން ނުކުމެގެން،" ދީދީ ވިދާޅުވި އެވެ.
ތޭވީސް ޑިސެމްބަރުގެ އިއްތިހާދުން މިއަދު ބުނީ ސަރުކާރު ގާނުނޫގެ އިމުގެތެރެއަށް އަލުން އަނބުރާ ގެންދިއުމަށް ކުރަން ޖެހޭ ހުރިހާ މަސަކަތްތައް ކުރަން ރަސްމީކޮށް މިއަދު ފަށާފައިވާ ކަމަށާއި އެގޮތުން ބޭރުގެ ބައެއް އެމްބަސީތަކަށް މިހާރު ސަރުކާރުން ކުރަމުން ގެންދާ ޣައިރު ގާނޫނީ އަމަލްތަކުގެ މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން މުޒާހަރާތައް ވަރުގަދަ ކުރާނެ ކަމަށެވެ.
އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ތެރޭގައި ހިމެނޭ އަށް ޕާޓީއަކީ އަދާލަތާއި ޕީޕީއެމާއި ޑީއާރްޕީއާއި ގައުމީ ޕާޓީއާއީ ޖުމުހުރީ ޕާޓީއާއި ޕީއޭއާއި ގައުމީ އިއްތިހާދުގެ އިތުރުން އެމްއާރްއެމެވެ.