މިދިޔަ ސަރުކާރުގައި ހިންގި "ހިޔާ މަޝްރޫއު" ގެ ދަށުން ފުލެޓަށް އެދި H7ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ފޯނުން ނުގުޅޭ 509 މީހެއްގެނަންތައް އާންމުކޮށްފިއެވެ.

ފޯނުނަށް ނުގުޅިގެން އާންމުކުރިH7ކެޓަގަރީއަކީ 18 އަހަރާ 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ހާއްސަކޮށްފައިވާ ކެޓަގަރީއެވެ.

ހިޔާ މަޝްރޫއުގެ ދަށުން ދޫކުރާ ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ދީފައިވަނީ އުސޫލާއެއްގޮތަށްތޯ ބަލައި ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތް ފްލެޓުތަކުގެ މައްސަލަ ބަލާ ކޮމިޓީން އަންނަނީ ކުރަމުންނެވެ.

ރައީސް އޮފީހުން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ، ނަންތައް އާންމު ކުރި 509 ފަރާތްތަކަކީ، ގުޅޭނެ ނަންބަރެއްގެ ގޮތުގައި ދީފައިވާ ނަމްބަރުން، މިހާތަނަށް ނުގުޅޭ ފަރާތްތައް ކަމަށެވެ.

"އެ ފަރާތްތަކަށް ގުޅުމަށް ތަކުރާރުކޮށް މަސައްކަތް ކުރައްވާފައިވާކަމަށް ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމެޓީން ފާހަގަކުރައްވާފައިވެއެވެ." ރައީސް އޮފީހުން ބުންޏެެވެ.

އެހެންކަމުން އެ ލިސްޓުގައި ހިމެނޭ ފަރާތްތަކުން އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ މެންދުރުފަހު 3:00 ގެ ކުރިން، މި ލިންކް(https://hcc.presidency.gov.mv)ގައިވާ ފޯމު ފުރިހަމަކުރެއްވުމަށް ވަނީ އެދިފައެވެ.