29 Oct 2020, 19:11
ފެނަކަ ކޯޕަރޭޝަނަށް އެއް މިލިއަން ޑޮލަރު ގަތުމަށް ޝަރޫ ލޯންޗް ސާވިސްއަށް ދިން 17 މިލިއަން ރުފިޔާ ދެއްކުމަށް އެ ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމަށް ބަދަލުގެންނާނެ ތަނެއް ނެތް ކަމަށް ހައިކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.
ފެނަކައިން ޝަރޫގެ މައްޗަށް ދައުވާ ކުރީ، ޑޮލަރު ގަތުމަށް 17 މިލިއަން ރުފިޔާ ޝަރޫއަށް ދިނުމުން އެ ރުފިޔާއަށްވާ އެއް މިލިއަން ޑޮލަރު ފެނަކައަށް ލިބިފައި ނުވާތީ އެވެ. ޝަރޫއިން ވަނީ، ފެނަކައަށް ތިން ޗެކެއްވެސް ދީފަ އެވެ. ޖުމްލަ އެއް މިލިއަން ޑޮލަރުގެ އެ ޗެކުތައް ވަނީ ބައުންސް ވެފަ އެވެ.
ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައި ވަނީ އެ ފައިސާއަކީ، ޝަރޫއިން ފެނަކައަށް ދޭންޖެހޭ ފައިސާކަން ޝަރީއަތަށް ސާބިތުވާ ކަމަށާއި، އެހެން ކަމުން އެ ފައިސާ ހަތަރު މަހަށް ބަހާލައިގެން ދެއްކުމަށް އަމުރު ކުރާ ކަމަށެވެ.
އެ ފައިސާ ދެއްކުމަށް ސިވިލް ކޯޓުން އަމުރުކުރީ ޝަރޫ ކުންފުނީގެ އިތުރުން އެ ކުންފުނީގެ ހިއްސާދާރުން ކަމަށްވާ މުހައްމަދު މުސްތާގު، ޝަރުމީލާ ޒުބައިރު އަދި ސަބާހު އަހްމަދުގެ މައްޗަށެވެ.
ސިވިލް ކޯޓުގެ ހުކުމް ޝަރޫ ކުންފުނީގެ ފަރާތުން ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. ދެހާސް އަށާރަ ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ހުށަހެޅި އެ މައްސަލަ ނިންމައި ހުކުމް ކޮށްފައި ވަނީ އިއްޔެއެވެ.
ހައިކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ބެލުމުންނާއި ދެ ފަރާތުން ކޯޓުގައި ދައްކާފައިވާ ވާހަކަތަކަށް ބެލުމުން، އެ 17 މިލިއަން ރުފިޔާއަކީ ފެނަކައަށް އަނބުރާ ލިބެންޖެހޭ ފައިސާކަން އެނގޭ ކަމަށާއި، ޝަރޫގެ ފަރާތުން އެ ފައިސާ ފެނަކައަށް ދައްކާފައި ނުވާކަން އެނގޭ ކަމަށެވެ.
އެހެންކަމުން ސިވިލް ކޯޓުގެ ހުކުމަށް ބަދަލުގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށް ހައިކޯޓުގައި އެ މައްސަލަ ބެއްލެވި ފަނޑިޔާރުންނަށް އިއްތިފާގުވެވޭ ކަމަށް ހުކުމްގައިވެއެވެ.
ހައިކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމާއި ފަނޑިޔާރު މުހައްމަދު ނިޔާޒެވެ.
އެ މައްސަލާގައި ޝަރޫ ލޯންޗް ސާވިސްގެ އިސް މުވައްޒަފަކާއި މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ)ގެ އިސް މުވައްޒަފަކު ފުލުހުން ހައްޔަރު ވެސް ކުރި އެވެ. ނަމަވެސް ފަހުން އެ މީހުން ވަނީ ދޫކޮށްލާފަ އެވެ.
އެ މައްސަލައާ ގުޅިގެން ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލްގެ މައްޗަށް ދައުވާކޮށްދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވިއެވެ. ނަމަވެސް ކުރީގެ ޕީޖީ ބިޝާމް ވަނީ ދައުވާ ނުކުރަން ނިންމައި މައްސަލަ އަނބުރާ އެ ކޮމިޝަނަށް ފޮނުވާލައްވާފައެވެ.